އިންޑިއާއާއި ޖެހުމުން ނަޝީދު އެ ހުންނެވީ ނަގޫ ފިތިފައި: ރައީސް ޔާމީން

އިންޑިއާއާއި ޖެހުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ހުންނެވީ ނަގޫ ފިތިފައިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީތަކެއް ބަލައިނުގަނެ އަނބުރާ ރައްދުކޮށްފައިވާ ކަމަށެވެ. އެ ސިޓީތައް ބަލައިނުގަތީ ސިޓީތަކުގެ ލެޓަހެޑްގައި އިންޑިއާ އައުޓް ލިޔެފައި އޮތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ހިތާމައަކީ ލަދުވެތިކަމަކީ ޑިމޮކްރަސީގެ އައްޕަކަމަށް ބުނާ އަދި އަމިއްލަފުޅަށް ނެލްސަން މަންޑޭލާއަށް ވެވަޑައިގެން ޑިމޮކްރަސީގެ ޗެމްޕިއަންކަމަށް ދަޢުވާ ކުރައްވާ ރައީސް ނަޝީދު އެ ސިޓީތައް ބަލައިނުގަތުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން މި ފަހަރު ދަންނަވާނީ ނަޝީދުގެ ބަހުރުވައިން ކަމަށާއި, ނަޝީދު ހުންނެވީ ނަގޫ ފިތިފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
''ތިވަރަކަށް ނޫންތޯ ރައީސް ނަޝީދުގެ ނަގޫ ފިތޭނީ'' ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުންނަށް ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޭން ނުކެރެނީ ނަގޫ ފިތިގެންކަމަށް ވިދާޅުވެ އެ މުހާވިރާ ދިވެހިންގެ ތެރެއަށް ޢާންމުކުރެއްވީ ވެސް ރައީސް ނަޝީދު ކަމަށެވެ.