އެފްކޮންސްއަށް ސާވޭ ނިންމުނު ކަމަކަށް ނުވި, އެޅޭނެ ފިޔަވަޅެއް ވެސް ނެތް
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ކުރި ސާވޭއާމެދު ހިތްހަމަނުޖެހޭތީ އެ ކުންފުނިން އަމިއްލައަށް ސާވޭ ކުރަން ދިން މުއްދަތު ހަމަވެއްޖެއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރީ މިދިޔަ އޮގަސްޓު 16 ވަނަ ދުވަހުއެވެ. އެ ގޮތުން ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ސާވޭ ނިންމުމަށްފަހު މިދިޔަ މަހުގެ 14 ގައި އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިނެވެ.
ނަމަވެސް އީޕީއޭއިން ކުރި ސާވޭއާމެދު ހިތްހަމަނުޖެހޭތީ އަމިއްލައަށް ސާވޭކުރަން އެފްކޮންސްއިން އެދުމުން އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.
މި މައްސަލައިގައި އީޕީއޭގެ ބަހެއް ހޯދައިލަން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް އަށް ގުޅިއިރު ފޯނު ނިއްވާލައިފައިވާތީ ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މިއަދު ނަޢީމް ވިދާޅުވެފައިވަނީ އެފްކޮންސްއަށް ދީފައިވާ ހަތް ދުވަހުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި, އެ ކުންފުނިން ސާވޭގެ މަސައްކަތް ކުރަމުންދަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
އެފްކޮންސްއިން ސާވޭ ހެދިޔަސް ގޮތް ނިންމުމުގައި އީޕީއޭއިން ބަލާނީ އެ އެޖެންސީގެ ސާވޭއަށް ކަމަށް ނަޢީމް ވިދާޅުވިއެވެ. އެކަމަކު އެފްކޮންސްއާމެދު އަޅާނެ ފިޔަވަޅެއް, އަދި ފިޔަވަޅު އަޅާނެ އިރެއް ހާމައެއް ނުކުރައްވައެވެ.
އީޕީއޭއިން ސާވޭ ހެދިއިރު ވެސް އެފްކޮންސްއަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ. ނަމަވެސް އެ ކުންފުނިން ބޭނުންވީ ބައިވެރިވެފައިނުވެ އަމިއްލައަށް ސާވޭކުރާށެވެ. އެކަމާ ގުޅިގެން މި ސަރުކާރަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުން ކަންކަން މިހުރީ އިންޑިއާ މީހަކަށް ރާއްޖޭގެ ކޯޓަކުން ޙުކުމްކުރި ނަމަވެސް އެ ޙުކުމް ގަބޫލުނުކޮށް އަމިއްލައަށް ޝަރީޢަތްކުރަން ވެސް ބޭނުންވާ ހިސާބުގައެވެ.