ފެންއަރާ މައްސަލަ ހައްލުނުވަނީ ކައުންސިލްގެ ހުއްދަ ނުލިބޭތީ
ބޮޑުތަކުރުފާނުމަގުން ސްޓެލްކޯ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާ މައްސަލަ ފާހަގަކޮށް އެކަން ހައްލުކުރަމަށް މާލޭ ސިޓީ ކައުންސިލްގެ ހުއްދައަށް އެދިފައިވީ ނަމަވެސް އަދިވެސް އެ ހުއްދަ ދީފައި ނުވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު މިކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން އެކުންފުންޏަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލި އިރު، އެ ފެނަކީ މިކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް އެނގިފައިވާ ކަމަށެވެ.
އަދި އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދައަކަށް ސިޓީކައުންސިލްގައި އެދިފައިވާ ކަމަށާއި މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން އެކަން އަންގާފައިނުވާ ކަމަށެވެ.
އަދި ހުއްދަތައް އަވަސް ކުރުމަށް، އެކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބިފައިނުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް މިކުންފުނިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
“މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިކުންފުނިން މިގެންދަނީ ކުރަމުން” ސްޓެލްކޯއިން ބުންޏެވެ.
އެ ހުއްދަތައް ލިބުމާއެކު، މަސައްކަތް ވަގުތުން ފަށައި، އެކަން ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.