މުޙްޔިއްދީން ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހެދުމަށް ބިޑަށް ހުޅުވާލައިފި

ވިލިމާލޭގެ މުޙްޔިއްދީން ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސުން ބުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދުމުގެ މަތިން ވިލިމާލެ މުޙްޔިއްދީން ސްކޫލް މަލްޓި ޕަރޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ ގޮތުން އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ނޮވެންބަރު 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00: ގެ ކުރިންނެވެ. ބިޑު ހުޅުވުން އޮންނާނީ ނޮވެންބަރު 14 ވާ ހޯމަ ދުވަހުގެ 13:00 ގައެވެ.
މުޙްޔިއްދީން ސްކޫލަކީ މާލޭގެ ސްކޫލުތަކުގެ ތެރެއިން މަލްޓިޕަރޕަސް ހޯލެއް ނެތް ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލެވެ. 2021 ވަނަ އަހަރުގެ ބަޖެޓުގައި އެ ސްކޫލުގައި
މަލްޓިޕަރޕަސް ހޯލެއް އެޅުމަށް ބަޖެޓު ކުރެވުނެވެ. ނަމަވެސް އެކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.
2022 ވަނަ އަހަރުގެ ބަޖެޓުގައި މި މަސައްކަތް ހިމަނާފައިވީ ނަމަވެސް މިހާތަނަށް މިކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާތީ ދާދިފަހުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.