ޗާގޯސް މައްސަލައިގައި މަޝްވަރާއެއް ނުކުރޭ: ޖޭޕީ
ޗާގޯސް މައްސަލައިގައި ޖުމްހޫރީ ޕާޓީއާ މަޝްވަރާކޮށްފައި ނުވާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖޭޕީން މިފަދައިން ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮންނާނެކަން ޤަބޫލުކޮށް އެ ޤައުމުގެ ބޮޑުވަޒީރަށް ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސިޓީއެއް ފޮނުއްވީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރެއްވުމަށްފަހު އެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ޗާގޮސް މައްސަލައިގައި ސަރުކާރުން އެއްވެސް އިރަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ ނުވަތަ ޖޭޕީ އަކާވެސް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. އަދި “މިމައްސަލައިގައި ޕާޓީން އަދި ލީޑަރ ދެކެވަޑައިގަންނަވާ ގޮތް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި” ކަމަށް އަމީން ވިދާޅުވިއެވެ.
ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައިވާ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖޭގެ ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުން ބުނާ ގޮތުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ދެގައުމުން ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަކީ ރާއްޖޭގެ ބައުންޑަރީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަނޑައެޅިގެން ދިއުމެވެ.
އަދި އަންކްލޮސްއަކީ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާއެއް ކަމަށްވާއިރު, ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ މުއާހަދާއާ އެއްގޮތަށް ރާއްޖެއިން އަމަލުކުރަންޖެހޭނެ ކަމަށް ބުންޏެވެ.