ރައްޔިތުންނަށް ފާޅުކަން ބޮޑު ގޮތެއްގައި ދޮގު ހަދައި, މަކަރުހަދާ މީހުން މިހާރު ރައްޔިތުންނަށް އެނގޭ ކަމަށާއި, އެކަން ކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައާ ގުޅިގެން ރައްޔިތުންނަށް އޮޅުވައިލަމުންދަނީ ޕީޕީއެމްއިން ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމުގެ ޙަޤީޤަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިއުމަކީ ވަަރަށް ދެރަ މައްސަލައެއް ކަމަށެވެ. އަދި ވާހަކަތައް ފަތުރާއިރު ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާ ބޮޑަށް ހިތާމަ ހުރިކަމެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޕީޕީއެމްއިން މިއަދު ނ.މަނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
ރައީސް ޔާމީން ވިދާޅުވީ ފޯޅަވަހީގަ މިއަދު ރަސްމީކޮށް މޮރިޝަސްގެ ދިދަ ނަގާފައިވާ ކަމަށެވެ. އަދި ދޮގު ހަދާ މީހުންނާއި, މަކަރު ހަދާ މީހުންނާއި, އޮޅުވައިލާ މީހުން ރައްޔިތުންނަށް ނޭނގިއެއް ނުދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
''ދެން އިބްރާހިމް މުޙައްމަދު ޞާލިޙް މިއަށްހާ ދުވަހު މިއަށް ބަސްފުޅެއް ވިދާޅުނުވެ އަދި އަޅުގަނޑުމެން ގިލިގިލިކޮށްޓިލެއް ބޮޑުކަމުން ނުކުމެވަޑައިގެން ވިދާޅުވަނީ ތިމަންނަމެން ކުރި ކަންތަކާ ދޭތެރޭގަ އިދިކޮޅުން އެ ހަދަނީ ދޮގޭ. މިހާރު ރައްޔިތުންނަށް ފާޅުކަން ބޮޑު ގޮތެއްގަ ދޮގު ހަދާ މީހުންނާއި މަކަރުހަދާ މީހުންނާ ޙަޤީޤަތުގަ ދެބައިކުޅަ އެއްބައި ބުނާ މީހުންނާއި, އޮޅުވައިލާ މީހުން ރައްޔިތުންނަށް ނޭނގިއެއް ނުދާނެ.''
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައެއް ނޯންނާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވަނީ ޗާގޯސްއަކީ ބޮޑު އިގުތިސާދީ ސަރަހައްދެއްކަމަށްވާއިރު, ރާއްޖެއަށް ފުށުއަރާ ސަރަހައްދަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތީ ކޮންއިރަކުންތޯ ސުވާލު ކުރައްވައިފައެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން ނުނިންމާކަމަށް ރައީސް ޞާލިޙް ވިދާޅުވުމުން އެއީ ތެދުކަމަށް ހެކިވެވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެފައިވާތީ ރައީސް ޔާމީން ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ.
''ދެން މިކަމަށް ހެކި ވަނީ ކާކުތޯ. މިކަމަށް ހެކިވަނީ އިމްރާން. އަޅުގަނޑަށް ހީވަނީ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެވަނަ ކައިވެންޏަށް ވެސް ހެކިވާން ހުރީ އިމްރާނުހެން.'' ރައީސް ޔާމީން ވިދާޅުވިއެވެ.