މި ވެރިކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޤާނޫނީ ވަކީލު ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ދެއްވި ތަޤްރީރުން ސާފުވަނީ ޤާނޫނުއަސާސީގެ 115 ގައި ބުނާ ޤާނޫނާ އެއް ގޮތަށް ކަންތައް ކުރެއްވުމާ ޚިލާފުވެވަޑައިގެންފައިވާކަން ކަމަށެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ.
އޭގެއިތުރުން ޤާނޫނުއަސާސީގެ 251 ގައި ބުނާ ބޭރު ފަރާތްތަކަށް ނުދިނުމާ ޚިލާފުވެވަޑައިގެންފައިވާކަމާއި, ހުވަޔާ ޚިލާފްވެވަޑައިގެންފައިވާކަން ސާފުވެގެންދިޔަ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 251 ގެ (ހ) ގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ ކަމުގައެވެ. (ށ) ގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ. (ނ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދީގެންނުވާނެ ކަމުގައެވެ.
''ރޭ ރައީސް ޞާލިޙް ކަނޑައެޅިގެން ހެއްދެވީ ދޮގު. މުޅިން ވެސް ތާކުންތާކު ނުޖެހޭ ވާހަކަ. ދެ ޤައުމު އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ. ސިޔާދަތު ވިއްކިކަމަށް އިޢުތިރާފުވެއްޖެ. ދިވެހިންގެ ލޭ ވެރިން ހަވަރަށްދޭ ވަރަށް ހޫނުވޭ. މިއީ އެންމެ ބޮޑު އަދަބު ޙައްޤު ކުށް.'' ޑރ.ޖަމީލް ވިދާޅުވިއެވެ.
ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި ރައީސް ޞާލިޙް ރޭ ވިދާޅުވީ އެ މައްސަލައިގައި މިހާރު ވެސް ދަމަހައްޓަމުން މިދަނީ މިކަމުގައި އެންމެ ކުރިން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުންއައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާޢުކުރުމުގެ ސިޔާސަތު ކަމަށެވެ.
''އަޅުގަނޑުމެން މި މައްސަލައިގައި މަސައްކަތް ކުރަމުން މި އަންނަނީ ބައިނަލްއަގްވާމީ ޓްރައިބިއުނަލްއާއެކީ. ވަކި ސަރުކާރާއެކު ނޫން މި ވާހަކަ ދައްކަނީ. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައަކާ އަޅުގަނޑުމެން މި އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަމުން.''
ރައީސް ޞާލިޙް ވިދާޅުވީ ޗާގޯސް މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާގުޅޭ އެހެން ކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައެއް ނޯންނާނެ ކަމަށެވެ. އަދި ދެން ވެސް މި ސަރުކާރުން އެފަދަ ގެއްލުމަކަށް ޖާގައެއް ނުދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ފެންނާން އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އެހެން ޤައުމެއްގެ ކަނޑުގެ ސަރަހައްދު ފުށުއަރާނަމަ އަމަލުކުރަންޖެހޭ ގޮތް ރާއްޖޭ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ގާނޫނު ކައިގެން ބޮއެގެން މިރާއްޖޭގަ ހަމައެކަނި ހުރީ މި ބޮނޑިބަތްގަނޑުތަ!!!!