ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ ބައެއް މެންބަރުންނަށް ބިރުދައްކައި، ބްލެކްމެއިލްކޮށްގެން: ޙަސަން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަން ކުރައްވަނީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ބިރުދައްކަވައި ބްލެކްމެއިލް ކުރައްވައިގެންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ކްލަބުހައުސްގައި ރޭ ވާހަކަ ދައްކަވަމުން ޙަސަން ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.
ޗާގޯސްގެ މައްސަލައިގައި ދެއްކެވި ވާހަކައިގައި ޙަސަން ވިދާޅުވީ ބައެއް މެންބަރުންގެ ވާހަކަތައް ހުންނަނީ ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ހުރި އެއްޗެއް އެނގިވަޑައިގަންނަވައިގެން ވާހަކަ ދައްކަވާ ކަހަލަ ގޮތަކަށް ކަމަށެވެ.
ޙަސަން ވިދާޅުވީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މަނިކުފާނަށް އަޣްލަބިއްޔަތު އޮންނާނެ ކަމަށް ރައީސް ޞާލިޙު އެބަ ވިދާޅުވާ ކަމަށެވެ. އެެހެންކަމަށްވާނަމަ އެ މެންބަރުން މެދުވެރިކޮށް ސިޓީގައި އޮތް އެއްޗެއް ސިއްރުކުރައްވަން އުޅުއްވަނީ ކީއްވެތޯ ވެސް ޙަސަން ސުވާލުކުރެއްވިއެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވައިލައްވައި އެމްއެންޕީގެ ރައީސް, ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިއްޔެ ހުށަހެޅުއްވި މައްސަލައިގައި މަޖިލީހުގައި ވަނީ ހޫނު ބަހުސްތަކެއް ކުރެވިފައެވެ.
ރައީސް ޞާލިޙްގެ ފެކްޝަނުގެ މެންބަރުން ސަރުކާރު ދިފާޢު ކުރެއްވިއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން ވަނީ ސިޓީ ހާމަކުރުމަށް ގޮވައިލައްވައިފައެވެ.
ޙަސަން ވިދާޅުވީ ނާޒިމް ހުށަހެޅުއްވި މައްސަލައަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
''ދެން ވިޕް ލައިނެއް އަންނާނީ ކޮންގޮތަކަށް ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށް. ވިޕްލައިނެއް އަޔަސް ވެސް ނަޔަސް އެ ވޯޓުނަގާއިރު އަޅުގަނޑު ވޯޓުދޭނަން މަޖިލީހުން މި މައްސަލަ ބަލަން ފެންނަކަމަށް. އެއީ އަޅުގަނޑުމެންނަކަށް އެތާ ތިބެގެން އެހާ ޒިންމާދާރުކަން ކުޑަކޮށެއް އެކަމެއް ނުކުރެވޭނެ. އަޅުގަނޑު މި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެވެސް ބޭފުޅަކު ގުޅުއްވާފައި މިހެންމިހެންނޭ ތި ކަން ކުރަންވާނީ, އެހެން ވިދާޅުވީމާ އާދޭހޭ އާދޭހޭ މިހެން ދަންނަވާފައި އަޅުގަނޑުމެންނަކަށް ގޮސްފަ އެހެން ވޯޓުދީގެން އެކަމެއް ނުކުރެވޭނެ އިނގޭތޯ. އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫން.''
ޙަސަން ވިދާޅުވީ މަޖިލީހުގެ ތެރޭގައި ބައެއް މެންބަރުންގެ ވާހަކަތަކަށް ބަދަލު އަންނަނީ ކީއްވެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ދައްކަވަން ވަރަށް ހިތާމަހުރި ލަދުވެތި ވާހަކައެއް ކަމަށެވެ.
އޭނާ ވަނީ ދިގު ތިރީސް އަހަރުގައި ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅުގެ ވާތް ފަރާތުގެ ވަތް ގަނޑުގައި އަބަދުވެސް ފައިލްކޮޅުތަކެއް ހުންނަ ވާހަކަ އަޑުއައްސަވާ ކަމަށާއި, އެއީ ވަޒީރު ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާ މި ބޭބޭފުޅުންގެ ފައިލްކޮޅުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިލްކޮޅުތައް މެދު ވަތްގަނޑުގައި ހުންނަހާ ދުވަހަކު އެއިން ވަޒީރަކަށް ނުވަތަ އެއިން މަޖިލިސް މެންބަރަކަށް ހަމަ ހިލާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތެއް ނޫން ގޮތެއް ނުހެއްދެވޭނެ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.
ޙަސަން ވިދާޅުވީ މިހާރު ވެސް ރޯޔަލް ރޭޕް ކޭސްއެއްގެ ވާހަކައާއި, ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ބޭފުޅަކު އުޅުއްވާ ވާހަކައާއި, އެއާޕޯޓެއްގެ އަވައިގައި ޖެހިގެން އޭގެ ފަހަތުން ތިއްބެވި މެންބަރުކޮޅެއްގެ ވާހަކައިގެ އަޑު ވެސް އެބަ އިވިވަޑައިގަންނަވާ ކަމަށެވެ.
''އެކި ކަންކަމުގަ އެކި މެންބަރުން އަޅުވާފައި ބައިތިއްބައިގެން ވެރިކަން ކުރުން މިއީ ވަރަށް ޚުދުމުޚުތާރު.. މީ ވަރަށް ރީތިކޮށް ބޭރުފުށަށް ދައްކާ, އެހެން ނަމަވެސް ވަރަށް ޚުދުމުޚުތާރުކޮށް ބިރުދައްކައިގެން, ބްލެކްމެއިލްކޮށްގެން ކުރާ ވެރިކަމެއް އިނގޭތޯ. ބައެއް ބޭބޭފުޅުންގެ ފާޑުފާޑުގެ ފޮޓޯ, ވީޑިއޯ މި އެއްޗެހި ހުންނާނެ ފުލުސް އޮފީހުގަ. ފުލުސް އޮފީހުގަ އެ ފޮޓޯގަނޑު އޮތްހާ ދުވަހަކު އެ މެންބަރުން ތިއްބަވާނެ ރައީސުލްޖުމްހޫރިއްޔާ ތަޅުވާ ގޮތަކަށް އެކަން ކޮށްދޭން އިނގޭތޯ.''
ޙަސަން ވިދާޅުވީ ރައީސް ޞާލިޙް އެ ވިދާޅުވާހެން 65 މެންބަރުންގެ ތެރެއިން އަޣްލަބިއްޔަތު އޮންނާނެ ސަބަބުތަކަކީ އޭނާ އެ އިޝާރާތް ކުރެއްވި ކަންކަން ކަމުގައެވެ.
''އަޅުގަނޑު ހަމަ ޙަޤީޤަތުގަ ވެސް ހިތާމަކުރަން. އަދި އެއިން ކޮންމެ ބޭފުޅަކު މަޖިލިސްތެރޭގަ ވަރަށް އެކީގަ މި ތިބެނީ ވެސް. އެހެން ތިބޭއިރު އެއިން ބޭފުޅަކު ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑު ހިތަށް އަރާ އަޅެ ހާދަ ދެރައެއްވާނޭ އިނގޭތޯ ކޮންމެ ދުވަހަކު ހެނދުނު ތެދުވެފަ ތިމަންނަ ފިރިމީހާއަށް ދެން ވާނީ ކިހިނެއްހޭ. ޝަރީޢަތުގައޭ މައްސަލަ އެ އޮތީ. ތިމަންނައަށް މިއަދު ވެސް ރައީސް އޮފީހުން ގުޅައިފިޔޭ ބުނި ގޮތެއް ހަދަންތާއޭ ޖެހޭނީ. ދެން ކީއްކުރާނީ. އެ ނޫން ގޮތެއްނެތޭ އެ ބޭފުޅުންނަކަށް. ވަރަށް ދަތި ހާލުގަ އެ ބޭފުޅުން އެ ތިބީ. ހަމަ ވަރަށް ބޮޑަށް ފިތިވަޑައިގެން.'' ޙަސަން ވިދާޅުވިއެވެ.
މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ޤަބޫލުކޮށް 22 އޮގަސްޓު 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އދ. ގައި ރާއްޖެއިން ވޯޓުލާފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ.