ޚަބަރު ސިޔާސީ

ނަޞްރުގެ ދުވަހު އެމްއާރުއެމްގެ ޝުކުރު އިންޑިއާއަށް!

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނަޞްރުގެ ދުވަހުގެ ހެޔޮ އެދުންތައް ކުރި މެސެޖްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން އިންޑިއާއަށް ޝުކުރު އަދާކޮށްފިއެވެ.

Ads by STELCO

އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން ހަނދާން އާ ކުރަން ޖެހެނީ ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާކުރަމުން ކަމަށެވެ.

އެމްއާރްއެމްގެ ބަޔާނުގައި ވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެއްކަން ފާހަގަކޮށްފައެވެ.

''އެ ދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުންނެވެ. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށެވެ. އެދުވަހުގެ ހަމަލާގައި 19 ދިވެހި ދަރީން ޝަހީދުކޮށްލިއެވެ.''

ހަމައެހެންމެ އެ ހަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށް ކަމަށާއި, ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާއިން ކަން ވެސް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

''މި ފުރުސަތުގައި ވެސް އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރި ޝުކުރު ދަންނަވަމެވެ.''

އެމްއާރްއެމްއިން ބުނީ އެ ދުވަހު ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ޓެރަރިސްޓުންނާއި ހަނގުރާމަކުރަމުން ގެންދިޔަ ކަމަށާއި, ދުޝްމަނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ.

''ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރާ މިއުފާވެރި މުނާސަބަތާ އަޅުގަނޑުމެން ކުރިމަތިލާއިރު މި ޤައުމުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދަމަހައްޓައި ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލަމެވެ. އަދި އެމްއާރްއެމްއިން ދެކޭ ގޮތުގައި ނަޞްރުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ދުވަހަކެވެ.''

މި ސަރުކާރުން ނަޞްރުގެ ދުވަސް ފާހަގަކުރަން އަހަންމިއްޔަތުކަމެއް ނުދޭކަމަށް ބައެެއް ފަރާތްތަކުން ތުހުމަތު ކުރެެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!