އެމްޑީޕީ އިދިކޮޅުގައި އޮތްއިރަށްވުރެ މިހާރު ޕީޕީއެމްގެ ހަރަކާތްތަކަށް ތަރުހީބު ބޮޑު: ޝިޔާމް
ސރުކާރުގައި އޮންނައިރު ޕާޓީގެ މެންބަރުން ވަރަށް ގިނަވާނެ ކަމަށާއި އެހެން ނަމަވެސް ހަޤީޤީ މެންބަރުން ޕާޓީގައި ތިބިކަން އެނގެނީ ޕާޓީގައި އިދިކޮޅުގައި އޮވެ، އެ ހިންގާ ހަރަކާތްތަކުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ބާއްވާ ސަރަހައްދުގައި ހުރެ މީޑިއާތަކަށް ދެއްވި އިންޓަރުވިއެއްގައި ޝިޔާމް ވިދާޅުވީ ޕާޓީގެ އަސްލް ސްޓްރެންތާއި ޕާޓީއަށް މެންބަރުން ކުރާ ލޯބި އިނގޭނީ އިދިކޮޅުގައި އޮވެ ހިންގާ ހަރަކާތްތަކަށް ލިބޭ ތަރުޙީބުން ކަމަށެވެ.
މިގޮތުން މިއަދު އިދިކޮޅުގައި ޕީޕީއެމްއިން ހިންގާ ހަރަކާތްތަކަށާއި ބޮޑެތި ޖަލްސާތަކަށް ބަލާލުމުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުގައި އޮތް، އެމްޑީޕީ އިދިކޮޅުގައި އޮތް އިރަށްވުރެ ޕީޕީއެމްގެ ހަރަކާތްތަކަށް މާބޮޑު ތާއީދެއް ލިބޭ ކަމަށެވެ. އަދި އެއީ މިއަދު ޤައުމުގެ ހާލަތު އޮތް ގޮތުން ލިބެމުންދާ ތާއީދެއް ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުންނާއި އެކީގައި، އެމްޑީޕީގެވެސް އާންމު މެންބަރުންވެސް މިއަދު އެބަ ބޭނުންވޭ [ހާލަތު ބަދަލުކުރަން]،" ޝިޔާމް ވިދާޅުވިއެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބުން ފެންނާނެ އެންމެ ރީތި ސިފަ ޕީޕީއެމްގެ މި އިންތިހާބުން ފެނިގެންދާކަމަށެވެ.
"ތިބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގަ ފެންނާނެ އެންމެ ރީތި މަންޒަރު މި ފެންނަނީ،"ޝިޔާމް ވިދާޅުވިއެވެެ.