އެއްވެސް މީޑިއާއެއް ގަނެ, ނޫސްވެރިކަމަށް ނުފޫޒު ފޯރުވައިފައެއް ނޯންނާނެކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުރިހާ މީޑިއާއެއް ބައްލަވައިގަނެ, މިނިވަން ނޫސްވެރިކަމަށް ނުފޫޒު ފޯރުއްވަވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަަސަން ލަޠީފް ދާދިފަހުން ވަނީ ތުހުމަތު ކުރައްވައިފައެވެ.
ކުލަބުހައުސްގައި ވާހަކަ ދައްކަވަމުން ޙަސަން ވިދާޅުވީ ޗާގޯސް މައްސަލައިގައި އެ ބޭފުޅުން މަޖިލީހުގައި ދައްކަވާ ވާހަކަތައް ރިޕޯޓުކޮށްލާނެ ހިތްވަރު މިއަދު މީޑިއާތަކަށް ނެތް ކަމަށެވެ.
''ހުރިހާ މީޑިއާއެއް ސަރުކާރުން ގަނެގެން އެ ތިއްބަވަނީ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ އިންނެވީ ހުރިހާ މީޑިއާއެއް ވެސް ބައްލަވައިގަނެގެން.'' ޙަަސަން ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ''ދެން'' އިން ސުވާލު ކުރުމުން ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި ސަރުކާރުން އެއްވެސް މީޑިއާއެއް ގަނެފައެއް ނޯންނާނެ ކަމަށެވެ.
''ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް. އަޅުގަނޑުމެން ގަންނަންޏާ ތީ ވެސް ހަމަ ނޫހެއްތާ. ތީ ހަމަ މުޅިން ދޮގު ވާހަކައެއް. އެއްވެސް މީޑިއާއެއް ގަނެފައެއް ނޯންނާނެ.''
ނަމަވެސް ހުރިހާ މީޑިއާތަކާއެކު ވެސް ވަރަށް ގާތް ގުޅުމެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ މިއުވާން އިތުރަށް ވިދާޅުވީ ޗާގޯސް މައްސަލައިގައި ވެސް ސަރުކާރުގެ ސްޓޭންޑް އޮތް ގޮތް ނޫސްވެރިން ގުޅުމުން ވެސް އަދި ޕްރެސް ކޮންފަރެންސްގައި ވެސް ވަރަށް ސާފުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
''ބައެއް ބޭފުޅުން ޗާގޯސްގެ މައްސަލައިގައި ދޮގު ވާހަކަ ދައްކައި އޮޅުވައިލުމުން ނޫސްވެރިންނެއް ވެސް ރިޕޯޓެއް ނުކުރާނެތާ. ދޮގު ވާހަކަތަކާއި ޙަޤީޤަތެއް ނެތް ވާހަކަތައް ނޫސްވެރިން ރިޕޯޓު ނުކުރުމަކީ ނޫސްވެރިން ގަނެލާފައި ތިބުމެއް ނޫން. ނޫސްވެރިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމުން ބައެއް ބޭފުޅުންނަށް ހަޖަމު ނުވިޔަސް އެކަމަކާ ސަރުކާރުން ކުރާނެކަމެއް ނޯންނާނެ.'' ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރެއްވި މިއުވާން ވިދާޅުވިއެވެ.
ރައީސް ޞާލިޙް ހުރިހާ މީޑިއާއެއް ބައްލަވައިގަނެ, މިނިވަން ނޫސްވެރިކަމަށް ނުފޫޒު ފޯރުއްވަވާކަމަށް ޙަސަން ތުހުމަތު ކުރެއްވި ފަދައިން ރައީސް މުޙައްމަދު ނަޝީދަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން މި ތުހުމަތު ކުރައްވައެވެ.
ހަމައެހެންމެ ރައީސް ނަޝީދު އިސްކޮށް ހުންނަވައި ނެރުއްވާ ''އޯޝަން ވީކްލީ'' ގެ އެންމެ ފަހުން ނެރުނު ޢަދަދުގައި ވެސް މި ސަރުކާރުން މީޑިއާތައް ގަނެފައިވާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.