އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަމަހު 17ގައި
![](https://dhen.mv/wp-content/uploads/2021/09/311660_3_732f8e9c2b71239496720240001dad19fd540aed_large-850x548.jpeg)
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން ވަނީ މި އިންތިޚާބުގައި ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން އެޕާޓީގެ ވެބްސައިޓްގައިވާ ދާއިރާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު މިމަގުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ދަންނަވާފައެވެ.
އަދި މަތިއުތުރު ޕްރޮވިންސް ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން އެޕްރޮވިންސްގެ 200 އެމްޑީޕީ މެންބަރުންގެ ތާއީދު އޮތްކަން އަންގައިދޭ ލިއުން ހުށަހަޅަން ވާނެ ކަމަށާއި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތައް ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށް ހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެ ނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހެއެވެ.
މީގެ އިތުރުން އެއްރަށުގައި އެއް ދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހޭ ކަމަށްވެސް ޤަވާއިދުގައިވެއެވެ.
ދާއިރާތަކުގެ އިންތިޙާބުގެ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޑިސެމްބަރު މަހުގެ 1ވަނަ ދުވަހު ހުޅުވާނެއެވެ.