ދުނިޔެ

ޗައިނާ ލޮކްޑައުން ކުރުމާ ގުޅިގެން އައިފޯން ޝިޕްމަންޓް ލިބުން ލަސްވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް ފެތުރޭތީ ޗައިނާގެ އެކި ސަރަހައްދުތައް ލޮކްޑައުން ކުރުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓްރީ، އެޕަލް އިން އެ ކުންފުނީގެ އުފެއްދުންތައް ލިބުން ލަސްވާނެ ކަމަށް ބުނެފިއެވެ.

Ads by WAMCO

ޓެކް ކުންފުނިން ބުނީ ޗައިނާގެ ޒެންގްޒޫގައި ހުންނަ އެ ކުންފުނީގެ އެސެމްބްލީ ޕްލާންޓް މިހާރު ހިންގަމުން ދަނީ ވަރަށް ކުޑަ ކެޕޭސިޓީއެއްގައި ކަމަށެވެ. ފޮކްސްކޮން އިން ހިންގާ މި ފެކްޓްރީ ހުންނަ ސަރަހައްދު ވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހަތް ދުވަހަށް ލޮކްޑައުންކޮށްފައެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް މޮޑެލްތަކަށް ވަރަށް ބޮޑު ޑިމާންޑެއް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް ލޮކްޑައުންއާ ގުޅިގެން ކަސްޓަމަރުންނާ ހަމަޔަށް ޝިޕްމަންޓްތައް ފޯރަން ކުރިން އަންދާޒާކުރި ވަރަށް ވުރެ ގިނަ ވަގުތު ނަގާނެ ކަމަށެވެ.

ފޮކްސްކޮން ފެކްޓްރީ ހުންނަ ޒެންގްޒޫ ހުންނަނީ ޗައިނާގެ މެދުތެރޭގެ ހެނާން ޕްރޮވިންސްއެވެ. އެ ޕްރޮވިންސްގައި ގާތްގަނޑަކަށް 10 މިލިއަން މީހުން ދިރިއުޅެއެވެ.

ޗައިނާގެ ލޮކްޑައުން ނިމުމަކަށް އަންނާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ބަލި ފެތުރޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއާއެކު އެ ގައުމުގެ އިގްތިސާދަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ހޯމަ ދުވަހު އާންމުކުރި ޗައިނާގެ ވިޔަފާރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހު އެ ގައުމުގެ އިމްޕޯޓް އެކްސްޕޯޓް ވަނީ ހީވެސް ނުކުރާ ވަރަށް ދަށަށް ގޮސްފައެވެ. މިއީ 2020 ވަނަ އަހަރުގެ މެއި މަހަށްފަހު އައި ފުރަތަމަ ހީނަރުކަމެވެ. އެ މަހުގެ އައުޓްބައުންޑް ޝިޕްމަންޓްތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.3 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.

އާދީއްތަ ދުވަހު އެގައުމުން 5،643 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިއީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

Ads by Allied Insurance
  1. އަސްލު ކޮވިޑަކީ ތިޔައީ ނުންތޯ؟ ވިޔަފާރި ހުއްޓުން ! ސިޔާސީ ގޭމް ކުޅުން !