ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީން ކުރިން ވަކާލާތު ކުރި ކަންތައްތައް މިހާރު ކެންސަލްވެފައިވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާއެކު ރޭ ބޭއްވެވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމްޑީޕީގެ އެހާރާއި މިހާރުގެ ކަންކަން ހުރި ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދު ހުރިހައި ކަމެއްގައި ސިޔާސީ ކުލަ ޖެހިފައި ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ފަސް އަހަރު ނިމިގެންދިޔައިރު ވަކި ސިޔާސީ ފިކުރަކަށް, ވަކި ކުލައަކަށް ނުބައްލަވައި ރައްޔިތުންނަށް ޚިދުމަތް ދެއްވާފައިވާނެ ކަމަށެވެ. ޑިމޮކްރަސީއޭ ކިޔައިގެން ރައްޔިތުން ގުނބޯހައްދައިގެން ވެރިކަމަށް އައި މީހުންގެ ހާލަތު މިއަދު ހުރި ގޮތުން ހިތާމަކުރަންޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ ވުޖޫދަށް އައީ 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަމުންކަން ފާހަގަކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ އަސާސީ ޙައްޤުތަކާ ހަމައަށް ރައްޔިތުންނަށް ދެވޭނެ މަގުތައް ބަންދުވުމުން، ތާއީދު ހޯދުމަށްޓަކައި އެއްވެ އުޅުމާއި, އަޑުގަދަ ކުރުމާއި, ހުދޫދުން ބޭރުވުމާއި, ކުރާނެ ކޮންމެ ކަމެއް ކުރުމާއި, ޗާޓުން ބޭރުން ކުރާ ކަންތައް ހަމަޖެހިގެން ދިއުމާއި, ބިރު ފަހަނައަޅައި ނުކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް އެމްޑީޕީން ބުނަމުންދިޔަ ކަމަށެވެ.
އެއީ އެމްޑީޕީގެ ވާހަކަ, ބަސްމަގު, ރައްޔިތުން އެއަށް ހެއްލުނީކީ ވަކި ވަރަކަށް ނޫން
އެއަށް ހެއްލިގެން ދިޔައީ އެއީ ކިހާވަރެއްގެ ވާހަކަތަކެއްކަމާމެދު ފުންކޮށް ވިސްނައިލަން ނުކެރުނު މީހުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަމަކު އޭރުވެސް ރައްޔިތުންނާއި ޤައުމުދެކެ ލޯބިވާ އަދި މި ޤައުމަކީ ތާރީޚީ ސަގާފަތެއް އޮތް ޤައުމެއް ކަމަށާއި މި ޤައުމުގައި އޮންނަން ޖެހޭނީ އިސްލާމްދީންކަން ގަބޫލުކުރާ މީހުންނަށް އޭރު ވެސް އެ ވާހަކަތައް އެނގިގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ އުފެއްދުމަށްޓަކައި މި ދެއްކި ހުރިހާ ވާހަކައެއް ދެއްކިގެން ދިޔައިރު މިއަދު އެ މީހުން ތަންފީޒީ ހިސާބުގައި ތިބިއިރު އެ މީހުން އެ ކަންކަން ކޮށްދިނީ ކިހާވަރަކަށްތޯ
އެއީ މިއަދު ހިތާ ހިތާ ކޮށްލަންޖެހޭ ސުވާލެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އޭރާއި މިހާރާ އަޅައިކިޔުއްވައި ސުވާލުތަކެއް އުފައްދަވައިފައެވެ. މާޒީގެ ފަތްފުށްތައް ނިއުޅައިލެއްވުމަށްފަހު ގެންނެވީ ''ޖަށްވަށް, ހަވަޔަށް, ފަޒާއަށް'' ބަޑިޖެހި ދުވަހުގެ ވާހަކައެވެ.
2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަކީ މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މ.އޭޝިޔާ އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅާ މަރައިލިކަމަށް ބުނާ ދުވަހެވެ. އެދުވަހުގެ ހާދިސާގައި އީވާން މަރާލައިފިކަން އެނގުމުން ޖަލުގައި ތިބި އެހެން މީހުން އެކަމާއި ނުރުހުންފާޅުކޮށް ނިކުތުމުން އެ މީހުންގެ ގަޔަށް ސިފައިން ބަޑި ޖެހުމުން އޭގެތެރެއިން ތިން ޤައިދީއަކު ނިޔާވިއެވެ. 16 ޤައިދީންނަށް އަނިޔާވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އީވާން ނަސީމުގެ މަރުގެ ޙައްޤު ހޯދުމަށްޓަކައި އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ނުކުމެ އުޅުނު ގޮތް ހަނދާން ނެތޭހާ ދުވަހެއްނުވާ ކަމަށެވެ.
އީވާން ނަސީމްގެ މަރުގެ މައްސަލައިގައި ދައުލަތަށް ޕްރެޝަރު އައިސްގެންނެއް ނޫން, ރައީސް މައުމޫން އަމިއްލަފުޅަށް ނިންމެވީ މީގަ ހަދާނީ ޕަބްލިކް އިންކުއަރީއެކޭ. ސަރުކާރުގެ މީހުންނެއް ނޫން މައްސަލަ ބެލީކީ. ހަމަ ރިޓަޔާޑް ބޭފުޅުންނާއި މިނިވަން ބޭފުޅުން އެމްޑީޕީ ވެސް ގަބޫލުކުރާ ކަހަލަ ގާބިލުކަން ހުރި ބޭފުޅުން. އަދި އެ މައްސަލަ ބައްލަވައި ނިމި އަޅުއްވާންޖެހޭ ފިޔަވަޅުތައް ވެސް އެޅުއްވި.
އީވާންގެ ހާދިސާގެ ވާހަކަ ގެންނެވުމަށްފަހު ރައީސް ޔާމީން ގެންނެވީ ދާދިފަހުން ހޯނޑެއްދޫގެ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު މަރުވެގެންދިޔަ ހާދިސާއެވެ.
ރަޝީދު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ގައި ހޯޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗަށް އަރުވަނިކޮށް މެއަށް ތަދުވާކަމަށް ބުނި ނަމަވެސް ފުލުހުން އެކަމާ އަޅައިނުލާކަމަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފައެވެ.
ރައީސް ޔާމީން ވިދާޅުވީ އީވާންގެ މަރަކީ ޠަބީޢީ މަރެއްކަމަށް އެމްޑީޕީން ގަބޫލުނުކުރި ފަދައިން ރަޝީދުގެ މަރަކީ ވެސް ޠަބީޢީ މަރެއްކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށާއި ހާދިސާއާ ގުޅިގެން ބައިވަރު ސުވާލު މާކުތަކެއް އެބަހުރި ކަމަށެވެ.
އޭގެ ޒާތުގަ އެހާ ފަސޭހައެއް ނޫން ގަބޫލެއް ނޫން މިއީ ޠަބީޢީ މަރެއްކަމަކަށް. ސުވާލު އުފެދޭ ކަންކަން އެބަހުރި. މީކީ ބަދުނާމު ކުރަނީކީ ވެސް ނޫން. ތުހުމަތު ކުރަނީކީ ވެސް ނޫން. އެކަމަކު ދައުލަތުން އެބަޖެހޭ މިއީ ޠަބީޢީ މަރެއްކަން ޔަޤީންކޮށްދޭން. އަދި މީގަ ފުލުހުންގެ އެއްވެސް ކަހަލަ އިހުމާލެއް ނެތްކަން.
ދެ ހާދިސާ އަޅައި ކިޔުއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ރަޝީދުގެ މަރާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެތައް ގޮތަކުން މަސައްކަތް ކުރެއްވިއްޖެ ކަމަށެވެ. ނަމަވެސް އެމްޑީޕީ ފަދައިން ޕީޕީއެމްއިން މާލެތެރެ ގަޑުބަޑު ނުކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު މަރުވެގެން މި އުޅޭ މީހާ އޭނަގެ ފުރާނަައަކީ އީވާން ނަސީމުގެ ފުރާނައަށްވުރެ ހުރުމަތްތެރިކަން ކުޑަ ފުރާނައަކަށް ވާތީތަ އެމްޑީޕީން މިކަން ނުކުރަނީ. އީވާން ނަސީމުގެ މަރުގަ އޭރު ވަކާލާތުކުރި މީހުން މިއަދު ކީއްވެ ހަނު ތިބެންވީ. މިވެސް ދިޔައީ ދިވެހި ފުރާނައެއް. އޭރުވެސް ދިޔައީ ދިވެހި ފުރާނައެއް. އޭރު ވަކާލާތު ކުރި ކަންތައް މިއަދު ކިހިނެއްތޯ ވަނީ.... ކެންސަލް. މީ ނޫންތޯ އެމްޑީޕީގެ ޠަބީޢަތަށް އައި ބަދަލު.
އެހެންކަމުން ވާހަކައެއް ދައްކާއިރު އެ ވާހަކަ ދައްކަނީ ކިހާވަރެއްގެ މީހެއްތޯ ބަލައިލަން މިއަދު ޒުވާނުންނަށް މަޖުބޫރުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ބިރު ފަހަނައަޅައި ކަންތައްތަކެއް ކުރާ ވާހަކަ ދެއްކިޔަސް، އެ ވާހަކަ ދައްކަނީ ކާކުތޯ ވިސްނައިލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.