އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ބައްޕައެއްގެ ވަނަވަރު އާއްމުކޮށްފި
އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ އަމިއްލަ ބައްޕަގެ ވަނަވަރު އާއްމުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ/ ގްރީންވާޑް، ޝުއާއު ޝަރީފް (32އ.) ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިހިނގާ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރެއެވެ. އަދި މިމައްސަލައިގައި ޝުއާއު ހައްޔަރުކޮށްފައި ވަނީ ޖެހިގެން އައި ދުވަހު ގައެވެ. ނަމަވެސް އޭނަގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
އެއަމުރު މުރާޖައާ ކުރަން ފުލުހުން ހުށަހެޅުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.