އެޗްޑީސީން އެމްއައިޓީ އާ ގުޅިގެން ހިލޭ ޕްރޮގްރާމްތަކެއް ހިންގަނީ
މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާއި އެޗްޑީސީއާއި ދެމެދު މެމަރަންޑަމް އޮފްއަންޑަސްޓޭންޑިންގ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
މި އެމްއޯޔޫގެ މައިގަޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. އަދި މިކަމަކީ އެޗްޑީސީއިން ހާއްސަ އެހީއަށް ބޭނުންވާފަރާތްތަކާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި އެފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމެކެވެ.
އެޗްޑީސީގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން މިފަދަ ފަރާތްތައް ބާރުވެރިކުރުވާ މަސައްކަތުގެ މާހައުލަށް އަހްލުވެރިބަޔެއްގެ ގޮތުގައި ބިނާ ކުރުމެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން އަހަރަކު 2 ޕްރޮގްރާމްކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ.
އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކުމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
އެޗްޑީސީއިންވަނީ މި އަހަރުތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމާއި ވޮލީ ކޭމްޕު އަދި ޒުވާނުންގެ ދިސާގެ ނަމުގައިވެސް ޕޮރްގްރާމެއް ހިންގާފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު އެކި ޕްރޮގުރާމުތަކެއް ވަނީ އެޗްޑީސީއިން ހިންގާފައެވެ.