ހަތް ރަށެއްގައި ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން ވިދާޅުވީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތްތަކަށް ޚަރަދު ކުރުމަށް ގަސްތުކޮށްފައިވާ ކަމަށެވެ.
30 އެނދުގެ ހޮސްޕިޓަލްތައް ގާއިމުކުރުމަށް ނިންމާފައިވަނީ ހދ.ހަނިމާދުއާއި އދ.މާމިގިއްޔާއި ކ.ތުލުސްދުއާއި ށ.މިލަންދުއާއި ނ.ވެލިދުއާއި ވ.ފެލިދުއާއި ތ.ވިލުފުށީގައެވެ.
މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން މި ހޮސްޕިޓަލުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްް މިދިޔަ އޭޕްރީލްގައި ފިނޭންސުން އިއުލާނު ކުރެއްވިއެވެ. ނަމަވެސް ފިނޭންސުން ވިދާޅުވީ އެ އިއުލާނާ ގުޅިގެން ލިބިފައިވާ ބީލަންތައް ބާތިލުކޮށް މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލައްވާ ކަމަށެވެ.
މި މަސައްކަތްތަކަށް ބިޑު ހުޅުވުން އޮންނާނީ ޑިސެންބަރު 07 ވާ ބުދަ ދުވަހުގެ 13:00 ގައި ފިނޭންސުގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.