ބަރުދަން ލުއި ކުރުމަށް ކެއުމުގެ ކުރިން ދެ ތަށި ފެން ބޯލާ
ބަރުދަން ލުއި ކުރުމަކީ ގިނަ ބަޔަކު އެކަމެއް ކުރުމަށް ބޭނުންވާ ނަމަވެސް އެހާމެ ކުރަން އުނދަގޫ ކަމެކެވެ. ތަފާތު އެތަކެއް ވައްތަރުގެ ޑައިޓުތައް ޖައްސައި އެކި ވައްތަރުގެ ކަސްރަތުތައް ކޮށް ވެސް ނުހިކޭ މީހުން ތިބެއެވެ. ނޫނީ ހިކެން ބޭނުން ނަމަވެސް ކަންނެތް ކަމުން އެކަން ކުރަން މަސައްކަތް ނުކުރާ މީހުން ވެސް މަދެއް ނޫނެވެ. މިފަދަ މީހުން އަދި މާޔޫސް ވާކަށް ނުވެއެވެ. މިއޮތީ ބަރުދަން ލުއިކޮށްލަން މާ ފަސޭހަ ގޮތެކެވެ.
ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބޯނަމަ ބަރުދަން ލުއިކުރުމަށް އެހީ ކޮށްދެއެވެ. ވާރޖީނިއާގެ ކޮލެޖަކުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއި މީހުންގެ ގައިން އެވްރެޖުކޮށް 2 ކިލޯ ލުއިވެފައި ވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 55 އަހަރާއި 75 އަހަރުގެ 48 މީހުން ހިމަނައިގެންނެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި އެއް ގުރޫޕު ކެއީ ކެލޮރީ ކޮންޓޮރޯލް ކުރެވިފައިވާ ޑައެޓެކެވެ. އަދި އަނެއް ގުރޫޕު އެއްވެސް ޑައެޓެއް ނެތި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއީއެވެ. މިގޮތަށް މި މީހުންގެ ބަރުދަން 12 ހަފްތާ ދުވަހު އޮބްޒާވް ކޮށްފައިވެއެވެ.
ދިރާސާ ގެ ނަތީޖާއިން ދެއްކި ގޮތުގައި ކެއުމުގެ ކުރިން ފެން ނުބޯ ގުރޫޕުގެ މީހުން އަނެއް ގުރޫޕާ އަޅާ ބަލާއިރު 2 ކިލޯ އިތުރަށް ލުއިވެފައި ވެއެވެ. ސަބަބެއްގެ ގޮތުގައި ދިރާސާވެރިން ބުނަނީ އެއީ ކެއުމުގެ ކުރިން ފެން ބޯނަމަ ކެވޭ ކެލޮރީސް ގެ އަދަދު މަދު ވުމެވެ. އަދި އޭގެ ސަބަބުން ބަރުދަން ލުއިކޮށްދެއެވެ.
ފަސޭހައިން ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. ނަމަވެސް މިފަދައިން ކަން ކުރާއިރު ހަކުރު ގިނަ ބުއިން ތަކާއި ފިޒީ ބުއިންތަކުން ދުރުވުމަށް ސަމާލުކަން ދޭށެވެ.