ހިކެން ބޭނުންނަމަ މި ފަސް ކަންތައް ނުކުރާތި
ބަރުދަން ލުއިކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ. ދުރާލާ ތައްޔާރު ކުރާ ޕްލޭންތަކެއްގައި ހިފަހައްޓައި ގަވާއިދުތަކާއި އުސޫލުތަކެއްގެ މަތީގައި މީހާ ދެމިހުރުމުގެ ފޮނި ނަތީޖާ އެވެ.
ބައެއް ކަންކަމަކީ ހިކެއް ބޭނުން މީހާ ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. މިސާލަކަށް ވަކި ބާވަތެއްގެ ކެއުންތައް މަދު ކުރުމާއި ބައެއް ބާވަތްތައް ގިނަ ކުރުމެވެ. ކަސްރަތު ކުރުމާއި މީހާގެ އާންމު ދިރިއުޅުމުގައި އާދަތަކެއް ހިފެހެއްޓުމެވެ.
މިފަހަރު ކިޔައިދޭން މިއުޅެނީ ހިކެން ބޭނުން މީހާ ކޮންމެހެންވެސް ކޮށްގެން ނުވާނެ ފަސް ކަމެކެވެ.
އަބަދު ލުއި ކާނާ ކެއުން
ބަރުދަން ލުއި ކުރުމުގެ އެންމެ މުހިންމު ހަރުފަތަކީ ވަކި ވައްތަރެއްގެ ކެއުންތައް ކެއުމަށް އާދަ ކުރުމެވެ. އަނެއްބައި ބާވަތްތަކުން ދުރުހެލިވުމެވެ. ލުއި ކާނާއަކީ އޭގެ ސަބަބުން ހަށިގަނޑު ބުރަހެލި ކޮށްލާ ކަމެކެވެ. މިސާލަކަށް އެކި ވައްތަރުގެ ބިސްކޯދު، ފްރެންޗް ފްރައިޒް، ޗިޕްސް، ނުވަތަ ޕޮޕްކޯން ފަދަ ތަކެތި އާދަވެގެން ކެއުމަކީ އޭގެ ގެއްލުން ހަށިގަނޑަށް ކުރާނެ ކަމެކެވެ. ލިބޭ ހުސް ވަގުތުތަކުގައި ލުއި ކާނާ ކެވެނީ ގިނަ ފަހަރަށް ބަނޑުހައި ވެގެންނެއް ނޫނެވެ. މިއީ ނަފްސާނީ ގޮތުން މީހާއާއި ގުޅިފައިވާ ކަމެކެވެ. ކޮންމެއަކަސް އެހެން ބާވަތްތަކުގެ ބަރު ކެއުންތައް މަދުކުރި ނަމަވެސް މާގިނައިން ލުއި ކާނާ ކާނަމަ ބަރުދަން ލުއިކުރަން އުނދަގޫވާނެ އެވެ.
ކާ ގަޑިތަކުގައި ނުކެއުން
ކާ ގަޑިތަކުގައި ނުކެއުމަކީ މީހާގެ ހަށިގަނޑު ވަރުބަލި ކޮށްލާ ކަމެކެވެ. ހިކެން ބޭނުންވާ މީހާވެސް ވަކި ގަޑިތަކެއްގައި ވަކި ވަރަކަށް ކެއުން ވަރަށް މުހިންމެވެ. އެހެންކަމުން ހިކެން ބޭނުންވެގެންނޭ ކިޔާފައި މެންދުރުގެ ކެއުން ނުކައި ދޫކޮށްލުން ނުވަތަ ރޭގަނޑު ނުކައި ހުރުމަކީ ބަރުދަން ލުއިކުރަން އުނދަގޫ ވެދާނެ ކަމެކެވެ. ގިނަފަހަރަށް މިގޮތަށް ނުކައި ހުންނަ މީހާ ދެން ކާއިރު މާގިނައިން ކެވޭނެ އެވެ.
ބުއިމުގެ ޒަރިންޔާއިން ކެލެރީޒް އިތުރުކުރުން
ހިކެން ބޭނުން މީހާ ދުވަހުގެ ކެއުމުގައި ކެލެރީޒް މަދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނޭނގި ނަމަވެސް ބައެއް ފަހަރަށް ބުއިމުގެ ޒަރިއްޔާއިން ކެލެރީޒް އިތުރު ކުރެވެ އެވެ. މިސާލަކަށް އެކި ވައްތަރުގެ ފިޒީ ޑްރިންކްސްއާއި އެނާޖީ ޑްރިންކުފަދަ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ބުއިންތައް މާގިނައިން ބޯނަމަ ހިކެން އުނދަގޫވާނެ އެވެ. އެހެންކަމުން ކެލެރީޒް ގިނަ ބުއިންތައް މަދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަރާމު ނުކުރުން
ކެއުމުގެ އިތުރުންވެސް ބަރުދަން ލުއިކުރާ މީހާ ކުރަންޖެހޭ ކަންކަން އެބަ ހުއްޓެވެ. މިސާލަކަށް އަރާމު ކުރުމަކީ އޭގެ ތެރެއިން އެއް އާދަ އެވެ. ރަނގަޅު ޑައިޓެއްގައި އުޅޭ މީހާ ރޭގަނޑުގެ ވަކި ވަގުތެއްގައި ނިދުން ވަރަށް މުހިންމެވެ. އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު އިރާކޮޅު ނިދާފައި ފަތިހު ހޭލުމެވެ. 7 ނުވަތަ 8 ގަޑިއިރުގެ ނިންޖަކީ ބަރުދަން ލުއިކުރުމަށް އެންމެ މުހިންމު އެއް ކަންތަކެވެ.
ރަނގަޅު ކާނާއާއި ކަސްރަތު ބެލެންސް ކުރުން
ހަމައެކަނި ކަސްރަތު ކުރުމަކުން މިކަމެއް ނުވާނެ އެވެ. ހިކެން ބޭނުން މީހާ ހަށިގަނޑަށް ރަނގަޅު ކާނާވެސް ކާން އެބަ ޖެހެ އެވެ. ރަނގަޅު ނިއުޓްރިޝަންސް ހަށިގަނޑަށް ފޯރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަގީގަތުގައި ކަސްރަތު ކުރުމަށްވުރެއްވެސް މިއީ މުހިންމު ކަމެކެވެ. ހިކެން ބޭނުން މީހާ ދުވަހުގެ ކެއުމުގައި މޭވާއާއި ތަރުކާރީ އިތުރު ކުރުމާއި ފަތުގެ އެކި ބާވަތްތައްވެސް ކެއުން ވަރަށް މުހިންމެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކަ އެވެ. ހިކެން ބޭނުންވެގެން ކެއުމަށް ކުއްލިއަކަށް ބޮޑު ބަދަލެއް ގެންނަނަމަ ސިއްހީގޮތުން އެކަމުގެ އިލްމު ލިބިގެންވާ މީހެއްގެ އިރުޝާދު ހޯދާށެވެ. ކޮންމެ އެއްޗެއް ކެއި ނަމަވެސް ޑައިޓިޝަނެއްގެ ލަފާ ހޯދާށެވެ. އިންޓަނެޓުގައި ދައްކާ ހުރިހާ ވާހަކައެއް ފަހަރުގައި އެންމެ މޮޅު ވާހަކައަށް ނުވެދާނެ އެވެ. އެންމެންގެ ހަށިގަނޑު އެއްގޮތެއް ނުވާނެ އެވެ.