ހީރާ ޕޭރީ ތިނަކުން ކާތިކް އަރްޔަން!
އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދައި، ސޯޝިއަލް މީޑިއާގައި ވަރަށް ގިނައިން “މީމް” ތަކުންވެސް ފެންނަ “ހީރާ ޕޭރީ” ފިލްމް ސީރީސްގެ ތިންވަނަ ބައި އިޢުލާން ކުރުމާއެކު، ހީރާ ޕޭރީގެ ފޭނުންނަށް އުފާވެރިކަން ލިބިގެން ދިޔައެވެ،
މި ފިލްމް ސީރީސްގައި މިހައިތަނަށް ނެރެފައިވާ ދެ ފިލްމަކީވެސް ބެލުންތެރިން ހެއްވައިލާ ސީންތަކެއް ދައްކުވައިދިން، ވަރަށް ފުރިހަމަ ދެ ފިލްމެވެ.
މި ދެ ފިލްމުގައިވެސް އެންމެ މުހިންމު އެއް ރޯލުން ފެނުނު އެކްޓަރު، ޕަރޭޝް ރާވަލް މިވަނީ ހީރާ ޕޭރީގެ ފޭނުންނަށް ފިލްމާ ގުޅޭ އިތުރު އުފާވެރި ޚަބަރެއް ދީފައެވެ.
ހީރާޕޭރީގެ ފޭނެއް، ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބު ދެމުން ޕަރޭޝް ބުނެފައިވަނީ، ފިލްމުގެ ތިން ވަނަ ބައިން، ބޮލީވުޑްގެ މަޝްހޫރު ތަރި ކާތިކް އާރްޔަން ފެންނާނެ ކަަމަށެވެ.
ކާތިކް އާރްޔަން އެންމެ ފަހުން ފެނިގެންދިޔައީ “ބޫލް ބުލައްޔާ 2” އިންނެވެ. މި ފިލްމް ވެފައިވަނީ 2022 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
ހީރާ ޕޭރީ ތިނަކުން ކާތިކް ފެންނާނެ ކަަމަށް ޕަރޭޝް ބުންޏަސް، މިހައިތަނަށް ރަސްމީ ފަރާތަކުން މިކަން ޔަގީންކޮށްދީފައެއް ނެތެވެ.