އޭޝިއާ

ރާޖީވް ގާންދީ މަރާލި މީހުން މިނިވަންކޮށްފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު ރާޖީވް ގާންދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި 6 ޤައިދީން ދޫކޮށްލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

1991 ގައި 46 އަހަރުގެ ރާޖީވް ގާންދީ މަރާލީ ޓަމިލް ނާޑޫގައި އަންހެނަކު ޖާނުން ފިދާވެގެން ދިން ހަމަލާއަކުންނެވެ.

މި ހަމަލާ ރާވާފައިވަނީ ލިބެރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް އޭ ކިޔާ ސްރީލަންކާ މީހުންގެ އިދިކޮޅު ޖަމާއަތަކުންނެވެ.

ހުކުރު ދުވަހު އިއްވި ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ މިބައިމީހުން މިނިވަން ކޮށްފައި މިވަނީ އެމީހުން ޖަލުގައި 30 އަހަރަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވުމާއި އަދި މި އަހަރުތަކުގައި އެމީހުންގެ އަހުލާޤީ މިންގަޑު ރަނގަަޅަށް ހުރުމުންކަމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން... އެންމެނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" މިނިވަން ކުރެވުނު އެކަކު ކަމުގައިވާ ނާލިނީ ޝްރީހަރަން އިންޓަވިއުއެއްގައި ބުނެއެވެ.

މިނިވަންކޮށްފައިވާ ބައެއް ޤައިދީން

"ވޭތުވެދިޔަ 32 އަހަރަކީ ވަރަށް ދަތި ދުވަސްތަކެއް" އޭނާ އިތުރަށް ކިޔައިދިނެވެ.

ރާޖީވް ގާންދީ އިންޑިއާގެ ޕްރައިމް މިނިސްޓަރަކަށް ވީ އޭނާގެ މަންމަވެސް 1984 ގައި ބަޔަކު ރާވައިގެން މަރާލުމާއެކުއެވެ. ގާންދީ އާއިލާގެ ކޮންގްރެސް ޕާޓީއަކީ އެތައް އަހަރެއް ވަންދެން އިންޑިއާގެ ވެރިކަމުގައި އޮތް ޕާޓީއެކެވެ. އޭނާގެ ދަރި ރާހުލް ގާންދީއަކީ އިންޑިއާގެ މިހާރުގެ ޕްރައިމް މިނިސްޓަރ މޯދީއާ ވާދަކުރާ އެންމެ ކުރީގައިވާ އެއް އިދިކޮޅު ލީޑަރެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާމެދު ކޮންގްރެސް ޕާޓީއިން ވަނީ ނުރުހުން ފާޅުކޮށް، މިއީ އެއްވެސް ގޮތަކަށް ބަލައި ނުގަނެވޭނެ ކަމެއްކަމުގައި ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!