މިނިވަންކަމޭ ނެތީ, އަނިޔާވެރިކަމޭ އޮތީ, ރައީސް ޔާމީން ވިދާޅުވީމާ ލަދުވެސް ގަނޭ: ފައްޔާޟް
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން މިއަދު ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވަމުން ގެންދަވާތީ އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޟް ވިދާޅުވީ ބައެއް ވެރިން ޤާނޫނުތައް އޮތް ތަނުގައި ބާއްވަވާފައި ހިތުހުރި ގޮތެއް ހައްދަވާއިރު ހުރިހާ މުއައްސަސާތައް ''ބިރުން'' ތިބި މަންޒަރު ފެނުނު ކަމަށާއި ނަމަވެސް މިހާރު އެހެނެއް ނުވާ ކަމަށެވެ. އެ ގޮތުން ބަލާއިރު ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އޮތްކަމާމެދަކު މިއަދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.
އަޅުގަނޑަކަށް ދެން ނޭނގެ އެ މިނިވަންކަން އިތުރަށް ލިބޭނީ ކިހިނެއް ކަމެއް. ގައިމުވެސް ބަސް ބުނުމުގެ މިނިވަންކަން.. ކޮންމެ އެއްޗެއް ބުނަންވީ ނޫންތޯ ސަރުކާރޭ ނޫނީ މީހެކޭ ކިޔައިގެން. ކޮން ފިޔަވަޅެއްތޯ އެޅެނީ. އަޅަން ބޭނުންވިޔަސް އެޅޭނެ ގޮތެއް ނެތް ޤާނޫނީ ގޮތުން. ޤާނޫނަށް އަޅުގަނޑުމެން އިހްތިރާމު ކުރާ ކަމަށްވަންޏާ.
ނަމަވެސް އެންމެ ފުރިހަމައަށް ބޭނުންވާ ލެވެލްއަށް އެ ކަންކަން ތަރައްޤީ ނުކުރެވޭ ކަމަށާއި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރާ، ކުރިއާ ބަލާއިރު އުޑާ ބިމާހައި ތަފާތު ހިސާބަކަށް ގެންދެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
މިސާލަކަށް މީޑިއާގަ ކާކަށް ކީއްތޯ ކުރީ ބުހުތާނު ދޮގު ހަދާއިރު ވެސް. އެ އޮތީ ހަމަ ފުލްކޮށް މިނިވަންކޮށް. އަސްލުގަ އޮންނަންވާ ވަރަށްވުރެ ބޮޑުކޮށް މި އޮތީ.
މީގެ އިތުރުން ފައްޔާޟް މިއަދު ވިދާޅުވީ އެއްވެ އުޅުނަސް މިއަދު އަނިޔާ ކުރާ މަންޒަރެއް ނުފެންނަ ކަމަށާއި އެ ކަންކަން ދަނީ ރަނގަޅަށް ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ޙަޤީޤަތުގައި ގަބޫލު ކުރާ ކަމަށެވެ.
މިނިވަންކަމޭ ނެތީ, އަނިޔާވެރިކަމޭ އޮތީ, ރައީސް ޔާމީން ނިކުންނަވައި ބުނީމަ ދެން އަޅުގަނޑު ލަދުވެސް ގަތް އެ ދުވަހު އެ ވާހަކަ އަޑުއަހާފަ.
''ބައްލަވާ އަދި އަޅުގަނޑުމެން އަދި ހަނދާން ނެތޭހާ ހިސާބަކަށް ނުދެއޭ މިދިޔަ ވޭތުވެދިޔަ 4 އަހަރުގެ ކުރީގެ ކަންކަމެއް.'' ފައްޔާޟް އިތުރުކޮށްލެވިއެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤެކެވެ. އެ ޙައްޤު ގެއްލިފައިވާކަމުގެ އަޑު ގަދަވާން ފެށީ ރައީސް ޔާމީން ޖަލަށްލުމާއި ހިސާބުން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާ ގުޅިގެން ހިނގައިދިޔަ ކަންކަމުގެ ސަބަބުންނެވެ.
ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ރައީސް ޔާމީން ގެންދަވަނީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު މިއަދުގެ ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވަމުންނެވެ.
އެ ގޮތުން ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ވަކި ވާހަކައެއް ލިޔެ, އެކަމެއްގެ ވާހަކަތައް ދެއްކުން އެއްވެސް ނޫސްވެރިއަކަށް މަނާކޮށްފައި ނުވާނެ ކަމަށެވެ.
އޭގެ އިތުރުން އެ މަނިކުފާނުގެ ދައުރުގައި ''ބޮޑެތި, ވަރުގަދަ މުޒާހަރާތައް'' ކުރުމަށް އެމްޑީޕީއަށް ޖާގަދެއްވާފައިިވާނެ ކަމަށާއި, ނަމަވެސް މިއަދުގެ ސަރުކާރަށް އެ ގޮތަށް ޖާގަދޭން ކެރޭތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.