ސިޔާސީީ މީހެކޭ ކިޔައި ދޮގު ހަދައިގެން ވާހަކަ ދެއްކިޔަސް އެ މީހަކާ ދޭތެރޭ ފިޔަވަޅެއް އެޅިގެން ނުވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން މިއަދު އޮތް މިންވަރާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި ފައްޔާޟް ވިދާޅުވީ ސިޔާސީީ މީހެކޭ ކިޔައި ދޮގު ހަދައިގެން ވާހަކަ ދެއްކިޔަސް އެ މީހަކާ ދޭތެރޭ ފިޔަވަޅެއް އެޅިގެން ނުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ދެން އަޅުގަނޑުމެން މި މަޤާމުތަކަށް މި ނުކުންނަނީ އަނެއްހެން ބަރަހަނާވެގެން. އެއީ ރައްޔިތުންނަށް އޮޅުވައިލާ ގޮތެއް ހަދާފާނެތީ އަޅުގަނޑުމެންނާ ބެހޭ ގޮތުން ކިރިޔާ ވާހަކައެއް އޮތަސް ރައްޔިތުންނާ ހަމައަށް ގެންދިއުމުގެ ބާރު އޮންނަންވާނެ.
ނަމަވެސް ޢާންމު ރައްޔިތަކާ ބެހޭ ގޮތުން މީޑިއާއަކުން ވެސް ވާހަކަ ދައްކައިފިނަމަ އެއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.
ސިޔާސީ ނޫން ޢާންމު ރައްޔިތު މީހާއަށް ނުވެސް އެނގި ހުއްޓާ ސޯޝަލް މީޑިއާގަ ނޫނީ ކޮންމެ ވެސް އެއްޗެއްގަ އެ މީހާ ހަލާކު ކޮށްލަފާނެ އެ މީހާއަށް ނުވެސް އެނގި ހުއްޓާ. އެކަމަށް ފިޔަވަޅު އަޅަން ކަންކަން ރިފޯމް ކުރަންޖެހޭ. މިނިވަންކަމާއެކު އަންނަންޖެހޭނެ ޒިންމާދާރުވުން ވެސް.
ފައްޔާޟް އިތުރަށް ވިދާޅުވީ ވޭދުވެދިޔަ ހަތަރު އަހަރު މި ދިޔައީ މިނިވަންކަން ދީގެން ކަމަށާއި ކުރީގައި ހެން އެއްވެސް މީހަކު ވެސް ހައްޔަރެއް ނުކުރާ ކަމަށެވެ. އަދި ސަރުކާރަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް މީހުން ހައްޔަރުކުރަން ނުޖެހޭކަން އެނގިގެން ހިނގައްޖެކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ.