ލައިފްސްޓައިލް

ކަންކަން މަތިން ފަސޭހައިން ހަނދާން ނެތި، ޝައުގުވެރިކަން ގެއްލެނީތަ؟ މިއޮތީ ހައްލު

ދެން އެމްވީ ، ދެން އޮންލައިން

ކޮޓަރިއަށް އެއްޗެއް ބަލާ ވަންނަތަނުން، ވަނީ ކޯއްޗެއް ބަލާ ކަން ހަނދާން ނެތެނީ ހެއްޔެވެ؟ މީހަކަށް މެސެޖެއް ކުރަން އުޅެނިކޮށް ކަމަކަށް ގެއްލިފައި އިނދެގެން އެހެން މީހަކަށް މެސެޖު ފޮނުވޭ ހެއްޔެވެ؟ ކަމެެއް ކުރަން ހުރެފައި ކުއްލިއަކަށް ކުރަން އުޅުނު ކަން މަތިން ހަނދާން ނެތޭ ހެއްޔެވެ؟ ނުވަތަ މީހަކު ކައިރި ބުނަން ހިތަށް އަރުވައިން ހުރި ވާހަކައެއް ކުއްލިއަކަށް ހަނދާން ނެތޭ ހެއްޔެވެ؟ މިފަދަ ކަންކަން ދިމާވުމަކީ ނަފްސާނީ ބައްޔެއްގެ ނިޝާންތަކެވެ. ވަގުތު ފާއިތުވެ ގޮސް، ފަރުވާ ނުކުރެވޭހާ ހިސާބަށް މީހާ ދިއުމުގެ ކުރިން ހައްލު ހޯދުމަކީ މުހިންމު ކަމެކެވެ.

Ads by STELCO

އަހަރެމެން އެންމެންނަކީ ވެސް ކޮންމެވެސް ކަހަލަ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންނެވެ. މަސައްކަތުގެ މާހައުލުގައި މާ ބުރަކޮށް އުޅެ ރަނގަޅަށް ނިދި ނުލިބުމަކީ ވެސް ހަށިގަނޑަށް ދެވޭ އަނިޔާއެކެވެ. މާ ބުރަކޮށް މަސައްކަތް ކުރުމުގައި އަވަދިނެތި އުޅުމުން ހަމައެކަނި އޭގެ ނޭދެވޭ އަސަރު ފެންނާނީ ހަށިގަނޑުގެ ބޭރުފުށަކުން ނޫނެވެ. އޭގެ ސަބަބުން އަހަރެމެންގެ ސިކުނޑިއަށް ވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ފަސޭހައިން ކަންކަން ހަނދާން ނެތި، ކުރާ ކަންކަމުން ޝައުގުވެރިކަން ގެއްލުމަކީ ސިކުނޑި ވަރަށް ބޮޑަށް ވަރުބަލި ވެފައިވާ ކަމުގެ ނިޝާނެކެވެ. ކަންކަންމަތިން ހަނދާން ނެތި، ޝައުގުވެރިކަން ގެއްލުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ ކަންކަމަށް ވާނަމަ، ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލުގެނެސްގެން އެކަމަށް ހައްލު ލިބޭނެއެވެ. ނަމަވެސް، އެފަދަ ކަންކަން ކޮންމެ ދުވަހަކު ދިމާވާ ނަމަ ވީހާވެސް އަވަހަކަށް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ތިރީގައި ބުނެދީފައި އެ ވަނީ މަދުމަދުން ކަންކަމުން ހަނދާން ނެތި އެފަދަ ކަންކަން ވާނަމަ އެކަމަށް ހައްލެވެ.

ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ކުރާ މަސައްކަތަށް ވެސް ފަރުވާތެރިކަމާ އެކު ނިންމޭނީ ވެސް ކޮންމެ ރެއެއްގެ ހަމަ ނިދި ލިބޭ ނަމައެވެ. ކޮންމެ މީހަކަށް ވެސް ދުވާލަކު 7 ނުވަތަ 8 ގަޑިއިރުގެ ނިދި ބޭނުންވާނެއެވެ. ނިދުމުގެ ކުރިން ކޮފީ ފަދަ ބުއިންތައް ބުއިމަކީ ސިއްހަތަށް އެހައި ރަނގަޅު ކަމެއް ނޫނެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުން ނަމަވެސް، ކޮންމެ ރެޔަކު ވެސް ހަމަ ނިދި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަށް ގިނައިން ފެން ބޮއުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނައިން ފެން ބުއިމުން ސިކުނޑިއަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބޭނެއެވެ. ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނި ނަމަވެސް ފެން ބުއިމަކީ ވަރަށް މުހިންމުކަމެކެވެ. މީގެ އިތުރުން ބެލެންސްޑް ޑައިޓަކަށް އަމަލުކުރުމަކީ ވެސް ވަރަށް މުހިންމެވެ. ތައްޔާރީ ކާނާ ކެއުމަށް ވުރެ ބޮޑަށް ހަށިގަނޑަށް ފައިދާހުރި، ތަރުކާރީ އަދި މޭވާ ކެއުމުގައި ހިމެނުމަށް އިސްކަން ދޭށެވެ.

ބަރާބަރަށް ކަސްރަތު ކުރުމަކީ ވެސް ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ވަރަށް ލުއި ކަސްރަތެއް ނަމަވެސް ކޮންމެ ދުވަހެއްގައި ވަކި ވަގުތެއް ކަސްރަތު ކުރަން ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޭކާރު ކަންކަމާ އަބަދު ވިސްނައިގެން ބޯ ގޮއްވުމާ ވެސް ދުރުވާން ޖެހެއެވެ. އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ސިކުނޑިއަށް ބުރަ ބޮޑު ނުވާނެހެން ހުރިހާ މަސައްކަތެއް ވެސް ބައްޓަން ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!