ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވި މީހަކާ މެދު އޭޑީކޭއިން އަމަލުކުރި ގޮތް ބަލައިދޭން އެދި އެޗްއާރުސީއެމް އަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ގައި ރާއްޖެއިން އެންމެފަހުން ނިޔާވި އަންހެން މީހާއާ މެދު އޭޑީކޭ ހޮސްޕިޓަލުން އަމަލުކުރި ގޮތް ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނަށް (އެޗްއާރްސީއެމް) އެމީހާގެ އާއިލާގެ ފަރާތުން ސިޓީއެއް ފޮނުވައިފިއެވެ.

Ads by STELCO

އުމުރުން 52 އަހަރުގެ ހުޝާމާގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާ ކޮއްކޮ އަދުހަމް މުފީދު ވަނީ ހުޝާމާ އަށް ފަރުވާ ދިނުމުގެ ކަންކަން ހިނގި ގޮތާއި ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެމުން ދިއުމާއި ގުޅިގެން ކަން ހިނގި ގޮތް ތަފްސީލްކޮށް ބަޔާންކޮށް އަދި ކުރެވޭ ތުހުމަތުތައް ވެސް ފާހަގަކޮށް ކަމާ ބެހޭ މުއައްސަސާތަކަކަށް އެ މައުލޫމާތު ހިއްސާކޮށްފައެވެ.

ދައްތަ ނިޔާވުމާ ގުޅިގެން އާއިލާއިން އިހުމާލްވެފައިވާ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ ޙަޤީގަތުގައި ވެސް މިކަމުގައި އިޙްމާލުވީ އާއިލާ އިންތޯ ނުވަތަ އެހެން ފަރާތަކުން ތޯ ބަލައި އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށް ހުޝާމް ބުނެފައިވެއެވެ.

އަދި މިފަދަ ދެވަނަ ހިތާމަވެރި ހިތްދަތި ހާދިސާ އެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރެވޭނެ އުޞޫލްތަކެއް ހަދައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިފައެވެ. މި ސިޓީގައި ވަނީ ހުޝާމާ ނިޔާވުމާ ހަމައަށް ކަންކަން ހިނގާފައިވާ ގޮތުގެ ކުރު ތަފްސީލެއް ވެސް ހިމަނާފައެވެ.

އެގޮތުން ހުޝާމާ ނިޔާވުމުގެ ހަތަރު ފަސް ދުވަސް ކުރިން ވަރަށް ގަދައަށް ހުން އަންނާތީ އޭނާ އަށް ބޭސްފަރުވާ ކުރަމުންދާ އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ގެންދެވުނު ކަމަށާއި ހުޝާމާ ބެއްލެވި ޑޮކްޓަރު ވަރަށް ގިނަ ލޭގެ ޓެސްޓްތަކެއް ހަދަންދިން ނަމަވެސް މީގެ ތެރޭގައި ކޮވިޑް19 ޓެސްޓް ނުހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަދި ހުޝާމާގެ ހުން ވިހެނުލާތީ ކޮވިޑް19 ކަމަށް ޝައްކު ކުރެވޭތީ ސެނެހިޔާގައި ހުންނަ ފުލޫ ކްލިނިކަށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 16:00 ހާއިރު ގެންދެވުނު ކަމަށާއި ނަމަވެސް އެވަގުތު އެތަނުގައި ކޮވިޑް19 އަށް ޓެސްޓްކުރާ ކިޓް އެއްކޮށް ހުސްވެފައިވާތީ 1 ގަޑި އިރަށް މަޑު ކުރުމަށް އެންގި ކަމަށް ބުނެފައިވެއެވެ. ނަމަވެސް ހުންގަދަ ކަމުން ގަޑިއެއްހާއިރަށް ކެތްނުކުރެވޭނެ ކަމަށް ބުނެ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށްވެސް ބުނެފައިވެއެވެ.

"ދައްތަ އޭޑީކޭ އަށް ގެންގޮސް ކޮވިޑް ޓެސްޓް ހަދާދޭން އެދުމުން އެޓެސްޓް ހަދަން ނުޖެހޭނެކަމަށް ވިދާޅުވެ ޑޮކްޓަރު ވަނީ އެންޓިބައޮޓިކެއް ފަށާފައެވެ. އަދި ވަރަށް ގިނަ ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ފޮނުވާލިއެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

އަދި ދައްތައަކީ ހައިރިސްކް މީހެއްކަން ދަނެ އޭނާއަށް ކޮވިޑް ޖެހިއްޖެނަމަ ކްރިޓިކަލް ޙާލަތަކަށް ގޮސްދާނެ ކަން އެނގޭތީ އެކަމާ ވަރަށް ބޮޑަށް ރައްކާތެރިވެގެން ހުރި މީހަކަށް ވެފައި އޭޑީކޭ އިން ކޮވިޑް ނޫންކަމުގެ ޔަޤީންކަން ޑޮކްޓަރު ދެއްވުމުން އެކަމާ ހިތްހަމަޖެހުނު ވަރުން އެވާހަކަ އާއިލާގެ އެހެން މީހަކަށް ގުޅާފައި ވެސް ބުނި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް މި މަހުގެ އެއްވަނަ ދުވަހު ހުޝާމާގެ ނޭވާއަށް އުނދަގޫ ކުރި ނަމަވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރ ތެރޭގައި ވެސް ގަދަ ހުމެއްޖެހި އޮކްސިޖަން ދަށްވެގެން އޭޑީކޭ އަށް ދައްކާ އަދި އައިޖީއެމްއެޗްގެ ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް އިން ބޭސްކޮށްގެން ފަރުވާ ލިބިފައިވާތީ އާއި ގޭގައި ސްޓީމް ކުރުމުން ފަސޭހަ ކަމަށް ބުނާތީ އަދި ގިނަ ގިނައިން ހޮސްޕިޓަލަށް ދިއުމަކީ އެހާ ހައިރިސްކް މީހަކަށް އެންމެ ރަނގަޅު ގޮތަކަށް ނުވާތީ ދައްތަ ބޭނުންވީ ހޮސްޕިޓަލަށް ނުގޮސް ވޭތޯ ކަމަށް ބުނެފައިވެއެވެ.

އަދި ފޯންގެ އެޕް އަކުން ބްލަޑް ޕްރެޝަރ އާއި އޮކްސިޖަން ލެވެލް ޗެކް ކުރިއިރު 80 އަށް ދަށްވުމުން އެއީ ވަރަށް ކްރިޓިކަލް ކޮންޑިޝަންއަކަށް ދިޔައީ ކަން ކަށަވަރުވެ، އެ ދުވަހުގެ ހަވީރު 16:00 އެއްހާއިރު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށް ބުނެފައިވެއެވެ.

"އައިޖީއެމްއެޗްގެ އީއާރުގައި އެޑްމިޓްކޮށް ވަގުތުން ކޮވިޑަށް ޓެސްޓް ކުރަން ފޮނުވިއެވެ. އަދި ދައްތައަށް ވަގުތުން އޮކްސިޖަން ފޯރުކޮށްދޭން ފެށިއެވެ. ނަމަވެސް އޮކްސިޖަން ލެވެލް 80 އިން މައްޗަށް ނުދާކަމަށް އީއާރް އިން ދައްތަގެ ދަރިފުޅަށް ގުޅާފަ ބުނަމުން ދިޔައެވެ. ހިތާމައާއި ޝަކުވާ ކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އޮކްސިޖަން މައްޗަށް ނުދިޔުމުން ވެސް ހަތަރު ގަޑިއިރު ވަންދެން އެއްވެސް ފަރުވާ އެއް ނުދީ ކޮވިޑް ރިޒަލްޓް ލިބެންދެން ދައްތަ ބޭއްވުމެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުން ކޮވިޑް ޓެސްޓް ނަތީޖާ ލިބުމުން ވަގުތުން ދައްތަގެ ދަރިފުޅަށް ގުޅާފައި ދައްތަ ވެންޓިލޭޓަރަށް ލާން ޖެހޭ ވާހަކަ ބުނެ ފޯމްތަކުގައި ސޮއި ކުރެވުނު ކަމަށާއި އަދި ވަރަށް އަވަހަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދާ ވާހަކައާއި އަދި ޕޯޓަބަލް ވެންޓިލޭޓަރެއްގެ ވާހަކަ ވެސް ދެކެވުނު ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް ދައްތަ އަށް 15 މިނެޓް ވަންދެން ސީޕީއާރް ދޭންޖެހުނު ކަމަށާއި ހިތުގެ ވިންދު ނުލިބޭނީ އިންޓިއުބޭޓް ނުކުރެވިގެން އުޅޭ ވާހަކަ އެންގި ކަމަށާއި އެއަށްފަހު ދެން ލިބުނީ ދައްތަ ނިޔާވިކަމުގެ ހަބަރު ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"ދައްތަ ނިޔާވި ގަޑިއަށް އަކަށް މަރުފޯމްގައި ވަނީ 23:12 އެވެ. ދައްތަ އީއާރް އަށް ގެންދެވުނީ ހަވީރު 16:00 ހާއިރުއެވެ. އެހުރިހާ އިރެއްވީއިރު ވެސް އެއްވެސް ފަރުވާ އެއް ނުދީ ކޮވިޑް ނަތީޖާއަށް ބެލުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވީ ވާހަކަ ބުނުމުން ދައްތަ އަށް ކާޑިއެކް އެރެސްޓެއް އައި ކަމަށްވެސް އަޅުގަނޑުމެންގެ ނުވިސްނޭ ހިތްތަކަށް ހީވިއެވެ. ދައްތަ ނިޔާވެފައި އޮތްއިރު އަނގައިގެ އެއްފަރާތުން ވަރަށް ބޮޑަށް ކަނޑައިގެން ގޮސް އެނެސްތީސިއާ ކަމަށް ލަފާ ކުރެވޭ އެއްޗެއް އަނގައިގެ ދެ ކަނުން އަރާފައި ހުރުމުން، ވެސް އަޅުގަނޑުމެންގެ ނުވިސްނޭ 'މެޑިކަލް ބެކްގްރައުންޑެއް' ނެތް ބަޔަކު ހިތަށް އަރަނީ އެނެސްތީސިއާ އޯވަ ޑޯޒްވުމުގެ ސަބަބުން ދިމާވިކަމެއް ނޫންބާވައެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ހުޝާމާ ނިޔާވެގެން ގޮސްފައިވަނީ ކޮވިޑް19 ޖެހޭ މީހުންނާ މެދު ހޮސްޕިޓަލުތަކުން ކަންކުރާ ކަމަށް ދެކެވިފައިވާ އެންމެ ދެރަވަރު ގޮތަށެވެ.

އަދި މިދިމާވި ކުއްލި ހިތާމަވެރި ހާދިސާގެ ސަބަބުން މުޅި ޢާއިލާ ހިތާމައިގެ ކަފުނެއްގެ ތެރޭގައިވާ ކަމަށާއި މި ހިތާމަ އިތުރަށް ބޮޑުވެގެން ދަނީ މުޖްތަމަޢު ތެރޭގައި ދެކެވެމުންދާ ޙަޤީޤަތެއް ނެތް ވާހަކަތަކާ، އޭޑީކޭ ހޮސްޕިޓަލާއި އަދި އައިޖީއެމްއެޗުން ދައްތައަށް އިހްމާލްވެފައިވާ ކަމުގެ އިޙްސާސްތައް ކުރެވޭތީ ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެން އާދޭހާ އެކު މިއެދެނީ ދައްތަ ނިޔާވެގެން ދިއުމުގައި އޭޑީކޭ ހޮސްޕިޓަލުން ކަންކޮށްފައިވާ ގޮތް ބައްލަވާ ދެއްވުމެވެ" އެ ސިޓީގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!