ޚަބަރު މީހުން

''ވަސްމީރު މަލެއް'' ގެ ''ކުލަރީތި މަލެއް''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެ ކަމަނާގެ އެންމެ ލިޔުއްވުމަކުން ވެސް ''ހާސް ވާހަކަ'' ކިޔައިދެއެވެ. ލައްކަ ދަރުހެއް ލިބިގެންދެއެވެ. މަރްޙޫމާ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ލިޔުއްވުންތަކުންނެވެ.

އާދެ, ދިވެހި އަދަބީ ޖައްވުން އޮއްސިގެން އެ ދިޔައީ އަލިގަދަ ތަރިއެކެވެ. އަދަބީ ގުލްޝަނުން އެ ވަކިވީ ''ވަސްމީރު'' މަލެކެވެ.

ދިވެހި ތާރީޚަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަލާ ދީދީ މިއަދު ޓްވިޓާގައި އެ ކަމަނާ ސިފަކުރެއްވީ މިހެންނެވެ.

އަދަބާ ސަގާފަތުގެ ޢިލްމުވެރިއެކެވެ. ފޯކުލޯރާއި ތާރީޚުގެ މުއައްރިޚެކެވެ. އިނގިރޭސި އާއި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ދޫކުރެއްވި ޢިލްމީ ލިޔުންތައް ގިނަގުނައެވެ. ދިވެހި ޢިލްމީ އުޑުން ތަރިއެއް އޮއްސުނީއެވެ. އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީއެވެ.

ޙަބީބާ އަވަހާރަވި ނަމަވެސް އެ ދޫކުރެއްވި އަސަރުތައް ''މަރުވެގެން'' ނުދާނެ އިނގޭތޯއެވެ.

މި ހިއްސާކޮށްލަނީ މުޅި ދުނިޔެއަށް މަޝްހޫރު ޝާޢިރު, އައްލާމާ މުޙައްމަދު އިޤްބާލުގެ އާޅެމެއް, އަޅުގަނޑުމެންގެ ޙަބީބާ ދިވެހި ބަހަށް ގެނެސްދެއްވާފައިވާ ފަށުވި ގޮތެވެ. ''ކުލަރީތި މަލެއް'' މި ނަމުގައި ޙަބީބާ ލިޔުއްވި މި ޖުމްލަތަކުގެ އަސަރުގަދަކަން ބައްލަވާ ލައްވާށެވެ. މި ތަރުޖަމާ ޝާއިއު ކުރައްވާފައިވަނީ ''ފަތްތޫރަ'' މަޖައްލާގައެވެ.

''އޭ ކުލަރީތި މަލާއެވެ! ހިތާމައަކީ ކަލޭ ދަންނަ އެއްޗެއް ނޫނެވެ.

އޭ ކުލަރީތި މަލާއެވެ! ކަލާގެ މޭގައި ހިތެއް ނެތަތީއެވެ. ޙަފްލާގެ ޒީނަތްތެރިކަމާއި ޗާލޫކަމަށް ކަލޭވަމުއެވެ.

ޙަފްލާގެ ހައިޖާނެއްގައި ކަލޭ ބައިވެރިއެއް ނުވަމުއެވެ.

ތިޔަ ހަމަހިމޭންކަމެއް ހަމަޖެހުމެއް އަހަރެން ގައެއް ނެތެވެ.

މި ގުލްޝަނުގައި އަހަރެން މީ ވޭނާ ކެކުޅުމުގެ ސިފައެވެ.

ކަލޭގެ ހަޔާތަކީ އުންމީދާ އެދުމުން ކަންފަތިވާ އެއްޗެއް ނޫނެވެ. ގޮފިގަނޑުން ކަލޭ ބިނދެލުމަކީ އަހަރެންގެ ގޮތެއް ނޫނެވެ. އަހަރެން މީ ބޭރުފުށުގެ ރީތިކަން ހޯދާ މީހެއް ނޫނެވެ.

އޭ ކުލަރީތި މަލާއެވެ! އަހަރެން މީ އަނިޔާވެރިއެއް ނޫނެވެ. ކަލެއަށް ޔަޤީންކޮށްދޭނީ ކިހިނެއް ހެއްޔެވެ.

އަހަންނަކީ މާ ބިންނަ މީހެއް ނޫނެވެ.

ތަޙްލީލުކޮށް ތިޔަމާ ބަލާކަށް ނެތީމެވެ.

އަހަރެން ތިޔަމާ ބަލަނީ ބުލްބުލެއްގެ ނަޒަރުންނެވެ.

ސައްތަ ދޫ ހުއްޓަސް ހިމޭންވެ ހުރުން ކަލޭ ޚިޔާރު ކުރަމުއެވެ. ކޮންފަދަ ސިއްރެއް މޭގައި ފޮރުވާފައިވާތީ ހެއްޔެވެ.

އަހަރެންގެ މިސާލަކީ ފަރުބަދަމަތީގައިވާ މަހާނައެއް މަތީގައިވާ ފަތެއްގެ މިސާލެވެ.

އަހަރެން ފަދައިން ކަލޭ ވެސް ވަނީ ޤުލްޝަނުން ވަކިވެފައެވެ. އެއްވެސް ފިކުރެއްނެތި ކަލޭ އިނީމުއެވެ.

ނަމަވެސް މީރު ވަހެކޭ އެއްފަދައިން އަހަރެން ވަނީ މުޅި ޖައްވުގައެވެ.

އެހެނީ އަހަރެންމީ ހޯދުމާ އުންމީދު ކުރުމުން ފުރިފައިވާ މީހަކީމެވެ. އަހަރެންގެ ހާސްކަމުގައި ފައިދާއެއް ނެތޭ

ހީވިޔަސް ހޯދުމުގެ މިންނަތުގައި ވަނީ އަހަރެން ކުރިއެރުމުގެ ބިންގަލެވެ.

އަހަރެންގެ ބަލިކަށިކަން އަހަރެން ބާރުގަދަ ކުރުމުގެ އަސްލަކަށްވެއެވެ.

ޖަމްޝީގެ ތަށިން ދުނިޔެ ނުފެނިގެން އަހަރެން ހަސަދަވެރިވެ އަސަރެއް ނުކުރެއެވެ.

އަހަރެންގެ (އިންސާނާގެ) ގޮތަކީ ހޯދުމުގައި ހުއްޓުމެއް ނެތި އުޅުމެވެ.

އަހަރެންގެ (އިންސާނާގެ) ވިސްނުމުގެ ބާރު ކުރިއަރަނީ ހޯދުމުގެ މި މަސައްކަތުންނެވެ.

ދުނިޔެ ކުރިއަރާނީ ވިސްނުމުގެ ބާރު ކުރިއެރުވުމުންނެވެ.''

 

Ads by PNC
  1. انا لله وانا البه راجعون
    اللهم اغفر لها وارحمها