ޚަބަރު ސިއްޙަތު

ސަމާލުވޭ، ހޭންޑް ފުޓް އެންޑް މައުތް ހަލުވި ކަމާއެކު ފެތުރެނީ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންގެ އަތާއި ފަޔާއި އަނގަޔަށްޖެހޭ ބަލި ނުވަތަ ހޭންޑް ފުޓް އެންޑް މައުތް ފެތުރޭ މިންވަރު ގިނަވަމުން އަންނާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޭންޑް ފޫޓް އެންޑް މައުތު ބަލި ވަރަށް ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކަމަށާއި ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

ހޭންޑްފުޓް އެންޑް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނުކުންނަ ދިޔަފަދަ ތަކެތީގެ ޒަރިއްޔާއިން، އެއްކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި ބަލިޖެހުމުން އެންމެ ފުރަތަމަ ވެސް ފެންނަންފަށާނެ އަލާމާތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުމާއި އަދި ގައިގައި ރިއްސާ ކަރުތެރެ ފާރުވުން ފަދަ އަލާމާތްތައްކަމަށް ޕަބްލިކް ހެލްތު އޮފިޝަލުން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މި ބަލިޖެހިފައިވާ ކުދިން ސްކޫލަށް ނުފޮނުވުމާއި ބަލިޖެހިފައިވާ ކުދިން އެހެން ކުދިންނާއި އެކަހެރިކޮށް ގެންގުޅުމާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. އަދި ބަލިޖެހިފައިވާ ކުދިން ގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ދޮވެގެން ނޫނީ އެހެން ކުދިން ބޭނުންކުރިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!