މާލެއަށް ނޯ ޖަހާފައި، ދެވަނަ ދައުރެއް ދިނުމަކީ ޗޮއިސްއެއް ނޫން: އީވާ
ހަތަރު އަހަރުވީއިރު މި ސަރުކާރުން މާލޭ ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށާއި މިވަރަށް މާލެއަށް ''ނޯ ޖަހާފައި'' ދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނުކުމެވަޑައިގެން ދެވަނަ ދައުރެއް ދޭށޭ ވިދާޅުވީމާ އެއީ ''ޗޮއިސްއެއް'' ނޫންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރުވީއިރު މާލޭ ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށެވެ. ހަތަރު އަހަރުވީއިރު ވެސް އެކަން ނުކުރުމުން އެނގެނީ ބޯހިޔާވަހިކަމަކީ، ސަރުކާރުގެ ތަރުތީބު ލިސްޓު އެންމެ ފުލުގައިވާ ކަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މިވަަރަށް މާލެ ބާކީކޮށްފަ އެބުނަނީ މާލެއާ ނުލާ ވެރިކަން ކުރަންށޭ މިއުޅެނީ. ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭ ބޯހިޔާވަހިކަން ވެސް ހިމަނަންޖެހޭނެ. މިވަރަށް ސަރުކާރުން މާލެއަށް ނޯ ޖަހާފައި ދެން ރައީސުލްޖުމްހޫރިއްޔާ ނުކުމެވަޑައިގެން ތިމަންނާއަށް ދެވަނަ ދައުރެއް ދޭށޭ ވިދާޅުވީމާ ޢިއްޒަތްތެރި ރައީސް އެއީ އަޅުގަނޑަކަށް ޗޮއިސްއެއް ނޫން.
މީގެ އިތުރުން އީވާ ވިދާޅުވީ އެމްޑީޕީއާ ދޭތެރޭ ރައްޔިތުން ކުރި އުންމީދަކީ ހަމައެކަނި ބަނދަރެއް ނޫން ކަމަށެވެ. އަދި ބަނދަރަކީ އަސާސީ ޙައްޤެއް ކަމަށް އީވާ ވިދާޅުވިއެވެ.
ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވަޢުދެއް ވެސް ފުއްދެން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވައްކަން ހޯދެން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން މި ސަރުކާރުގެ ވެންޓިލޭޓަރު ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގެއްލިފައިވާ ރިޟްވާނާއި މަރާލާފައިވާ ޔާމީނަށް އިންސާފު ހޯދާތަން ފެންނަންޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީން މަސްވެރިންނަށް ވީ ވަޢުުދުތައް ފުއްދާތަން ފެންނަން ޖެހޭނެ.
އީވާ ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ކުރި އުންމީދުގެ ފޯރާފަށަކީ ބަނދަރަކަށް ހަދާފައި ނިންމައެއް ނުލެވޭނެ ކަމަށެވެ.