ޗައިނާގެ ފެކްޓްރީއެއްގައި ރޯވެ 38 މީހަކު މަރުވެއްޖެ
ޗައިނާގެ މެދުތެރޭ ހެނާން ޕުރޮވިންސުގައި ހުރި ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 38 މީހުން މަރުވެއްޖެއެވެ. އަންޔަންގް ކައިޝިންޑާ ޓްރޭޑިންގް ކޮމްޕެނީ ކިޔާ ކުންފުންޏަކުން ހިންގާ ކާރުޚާނާގައި ހިނގި އަލިފާނުގެ ހާދިސާގައި އިތުރު ދެ މީހަކު ވަނީ ޒަޚަމުވެފައެވެ.
ކާރުޚާނާގައި އަލިފާން ރޯވެފައި ވަނީ، އެ ތަނުގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް ވެލްޑިންގ ކުރުމުގެ މަސައްކަތް ކުރަމުން ދިޔުމުގެ ތެރޭގައި ކަމުގައި ހެނާންގެ އަންޔަންގް ސިޓީގެ އޮފިޝަލުން ބުނެއެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް، ނިއްވައިލެވުނީ 7 ގަޑިއިރު ފަހުންނެވެ.
މި ހާދިސާގައި ޒިންމާވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި އަންޔަންގް ސިޓީގެ އޮފިޝަލުން ބުނެއެވެ. އަދި، އެ ތަނުގެ ތެރޭގައި ވެލްޑިންގް ކުރުމުގެ މަސައްކަތް ކުރުއަށް ގެންގޮސްފައި ވަނީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވާ ކާރުޚާނާއަކީ މެޝިނަރީގެ ބައިތަކާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި، އަންނައުނުގެ އިތުރުން އަލިފާން ނިއްވަން ބޭނުން ކުރާ ސާމާނު އުފައްދާ ކާރުޚާނާއެކެވެ. ނަމަވެސް، ކާރުޚާނާގައި ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅެއް ޤާއިމު ކޮށްފައި ނެތް ކަމުގައި އޮފިޝަލުން ބުނެއެވެ.
އަންޔަންގްގައި ހިނގި ހާދިސާއާ އެއް ވަގުތެއްގައި، ހެނާންއާ އިންވެގެން އޮންނަ ޝާންޒީ ޕުރޮވިންސުގެ ވެރިރަށް ކަމުގައިވާ ޓައިޔުއާންގައި ވެސް މި ފަދަ ހާދިސާއެއް ހިނގާފައިވެއެވެ. އެ ރަށުގައި ހުރި ކެމިކަލް އުފައްދާ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބަޔެއްގެ ފުރާނައަށް ނުރައްކާވި ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މަރުވި މީހުންގެ އަދަދު އަދި ސާފެއް ނޫނެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިޙުތިރާމު ނުކުރުމުގެ ސަބަބުން ޗައިނާގައި ކުރިމަތިވާ މި ފަދަ ހާދިސާތައް ގިނަ ކަން ފާހަގަ ކުރެވެއެވެ. ޖޫން މަހު ޝެންގްހާއީގެ ސައިކޯޕެކް ޝެންގްހާއީ ޕެޓްރޯކެމިކަލް ކޮމްޕެނީގެ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވިއެވެ.
މިދިޔަ އަހަރު ޝިޔާން ކިޔާ ރަށެއްގައި ގޭސް ލީކުވެގެން ހިނގި ގޮވުމެއްގައި 25 މީޙުން މަރުވިއެވެ. އަދި ގިނަ ޢަދަދެއްގެ ޢިމާރާތަށް ގެއްލުންވިއެވެ. 2015ވަނަ އަހަރު ޗައިނާގެ އިރުމަތީގައިވާ ޓިއާންޖިން ޕުރޮވިންސުގެ ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 165 މީހުން މަރުވިއެވެ.