ދުނިޔެ

ޗައިނާގައި އެއްދުވަހުން28،000 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި އެންމެ 24 ގަޑިއިރުގެ ތެރޭގައި 28,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ބަލި ޖެހިއްޖެއެވެ. އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓު ކޮށްފައި ވަނީ ގުއަންޑޮންގް ޕްރޮވިންސުންނެވެ. ނޮވެންބަރު 22ވަނަ ދުވަހު އެ ސަރަޙައްދުން އަލަށް ފެނުނު ކޮވިޑްގެ ކޭސްތަކުގައި އަދަދު ވަނީ 16,000އިން މައްޗަށް އަރާފައެވެ.

Ads by Sosun Fihaara

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ ޗޮންގްކިންގް ޕުރޮވިންސުން އެ ދުވަހު 6,300 އަށްވުރެ ގިނަ ކޭސް ފެނުނެވެ. ވެރިރަށް ބެއިޖިންގްގައި ވެސް ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. ބެއިޖިންގްގައި އެ ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު 1,438އަށް އަރައެވެ.

ރެކޯޑު އަދަދަކަށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ސަރަޙައްދުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ބެއިޖިންގްގައި ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. އަދި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ގޭގައި މަސައްކަތް ކުރުމަށް އަންގާފައެވެ.

މޭ މަހަށް ފަހު ޗައިނާގައި ވަނީ ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެފައެވެ. ބެއިޖިންގްގައި ތިން މީހަކު މަރުވެފައި ވާއިރު، އެއީ އުމުރުން ދުވަސްވީ ތިން މީހުން ކަމުގައި ޗައިނާގެ އޮފިޝަލުން ބުނެއެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަމަލު ކުރަމުން ދަނީ "ޒީރޯ ކޮވިޑް" ސިޔާސަތަކަށެވެ.

މާނައަކީ، ބަލި ޖެހިފައިވާ އެންމެ މީހަކު ފެނުމުން ވެސް، އެ މީހަކު ފެނުނު ސަރަޙައްދެއް މުޅިން ފުރަބަންދު ކުރުމެވެ. އަދި، އެ ސަރަޙައްދެއްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވެންދެން ރައްޔިތުން ބަންދުކޮށް، ޓެސްޓު ހެދުން ޢާންމު ކުރުމެވެ. ކޮވިޑް ބަލި ފެތުރެން ފެށި ފުރަތަމަ ދުވަސްކޮޅު މި ސިޔާސަތު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވުނެވެ.

ނަމަވެސް، ފަހަކަށް އައިސް މަންޒަރު ވަނީ ބަދަލުވެފައެވެ. އަދި، މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ ސިޔާސަތު ނޫން ކަން ހާމަވެފައެވެ. ނަމަވެސް، ޗައިނާގެ ސަރުކާރުން ދަނީ މި ސިޔާސަތަށް ބަދަލުގެންނަން ދެކޮޅު ހަދަމުންނެވެ. މި ކަމުގެ ސަބަބުން އެ ޤައުމަށް އިޤުތިޞާދީ ގޮތުން ދަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންނެވެ.

މި އަހަރުގެ އޭޕްރިލް މަހު މި ގޮތަށް ޝެންގްހާއީ ވަނީ ބަންދުކޮށްފައެވެ. ޝެންގްހާއީއަކީ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށެވެ. ދެ މަސް ދުވަހަކުގެ މުއްދަތަކަށް އެ ރަށް ފުރަބަންދު ކުރުމާ ގުޅިގެން ވިޔަފާރީގެ ދާއިރާއިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ފެށުމާ އެކު ޑިސްޓްރިކްޓް ނުވަތަ އަވަށްތަކުގެ މެދުގައި ދަތުރު ކުރުން މަދު ކުރުމަށް އޮފިޝަލުން ވަނީ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އަދި، 24 ގަޑިއިރު ހަމަނުވާ ޕީ.ސީ.އާރް. ޓެސްޓެއްގެ ނެގެޓިވް ނަތީޖާއެއް ނެތް ނަމަ، ޢާންމުން އެއްވެސް އުޅޭ ތަންތަނަށް ވަނުން މަނާ ކޮށްފައެވެ.

ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ޖިމްތަކާއި ޕާކުތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، ކޮންސެޓު ފަދަ ގިނަ އަދަދަކަށް މީހުން ޖަމާވާ ހަރަކާތްތައް މަނާ ކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!