ޓައިވާންގެ އިންތިޚާބަށް ޗައިނާއިން މިފަހަރު ނުފޫޒުފޯރުވި މިންވަރު ކުޑަ
ޓައިވާނުގެ އިންތިހާބާ ދިމާކޮށް ޗައިނާގެ ނުފޫޒުތައް އެހާ ބޮޑަށް ފެންނަ ނުދާ ކަމަށް ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ކަން ހިންގަމުންދަނީ ޗައިނާގެ އަމިއްލަ ދާޚިލީ މައްސަލަތަކާއި ބައިނަލްއަގްވާމީ ތަސައްވުރު ރަނގަޅު ކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެދާނެ ކަމަށެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ އެ ރަށަކީ އަމިއްލަ ސަރަހައްދެއް ކަމަށް ޗައިނާއިން ދައުވާކުރެއެވެ. އަދި އޮންލައިންކޮށް ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ޓައިވާންގެ އިންތިޚާބާ ދިމާކޮށް ޗައިނާގެ ސަރުކާރުން ކުރެއެވެ.
އޭގެ އިތުރުން އަސްކަރީ އިންޒާރުތައް ދީގެން އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ތަކުރާރުކޮށް މަސައްކަތް ކުރާ ކަމަށް ޓައިވާނުން ތުހުމަތު ކުރެއެވެ.
ހޮނިހިރު ދުވަހު ޓައިވާނުގައި މޭޔަރުންނާއި ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވޫ ވިދާޅުވީ ޓައިވާނުން ވޯޓު ދޭއިރު ޗައިނާއަކީ އަބަދުވެސް ފެކްޓާއެއް ކަމަށާއި ނަމަވެސް މިފަހަރު ބެއިޖިން އިން ނުފޫޒު ފޯރުވަނީ މަދުން ކަމަށެވެ.
"އަޅުގަނޑު ސިފަކުރާނީ އަޅުގަނޑުމެންގެ އިންތިހާބަށް ޗައިނާގެ ނުފޫޒު މީގެ ކުރިން ބޭއްވި އިންތިހާބާ އެއްގޮތަށް ނުހިނގާ ކަމަށް،" އޭނާ ވިދާޅުވއެވެ.
ވޫ ވިދާޅުވި ގޮތުގައި މިފަހަރު އިންތިޚާބުގެ ތެރޭގައި ޗައިނާގައި ދިރިއުޅޭ ޓައިވާނުގެ ރައްޔިތުން ޗައިނާއަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް ޓައިވާނަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އަގުހެޔޮ ވައިގެ ޓިކެޓް ބޭނުންކުރުމާއި ޓައިވާނުގެ ރައްޔިތުންނަށް ބިރުދެއްކުންފަދަ ކަންކަން ނުކުރާ ކަމަށެވެ.
ވޫ ވިދާޅުވީ މި އިންތިހާބާ އިދިކޮޅަށް ޗައިނާ އިން މާ ބޮޑަށް ނުފޫޒުފޯރުވަން މަސައްކަތްކޮށްފައި ނުވަނީ ކީއްވެކަން ޔަގީނުން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެއީ ޓައިވާނަށް އިންޒާރު ދިނުމުން ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އެހެން ގައުމުތަކާ އެކު އޮންނަ ގުޅުން އަލުން ހަމައަކަށް އަޅުވަން ބެއިޖިން އިން މަސައްކަތް ކުރާތީ ކަމަށް ވެދާނެ ކަމަށެވެ.