ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ސަރުކާރު ހިންގުން ވަނީ އެމްޓީސީސީގެ ސީއީއޯ އާޒިމާ ހަވާލުކޮށްފައި: އީވާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރު ހިންގަވަން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާ ހަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ދިވެހި ރައްޔިތުންގެ އުންމީދު ނިމޭ ހިސާބަކީ ބަނދަރަކަށް ހަދައެއްނުލެވޭނެ ކަމަށެވެ.

އީވާ ވިދާޅުވީ ސަރުކާރު ހިންގަވަން އާޒިމާ ހަވާލުކުރައްވާފައި ވެެރިން ތިއްބަވަނީ ކޮންމެސް ހަފުލާއެއްގައި ރިބަން ކަނޑަން ކަމަށެވެ.

ހީވާ ކަހަލަ އެމްޓީސީސީ ބަނދަރު ކޮންނަން ދޫކޮށްލާފައި ސަރުކާރު ހިންގަނީއޭ. ހީވާ ކަހަލަ އެމްޓީސީސީގެ އާދަމް އާޒިމް ޗުއްޓީ ނަގައިފިއްޔާ ސަރުކާރު ބަންދު ބޯޑު އަޅުވަނިއްޔޭ. ހީވާ ކަހަލަ މަހާ ޖައްރާފަށާއި ބޮޑު ޖައްރާފަށާއި އެމްޓީސީސީއަށާއި އާދަމް އާޒިމަށާއި ރަނުން ރަނަށް ވެރިކަން ކުރަން ދީފަ ރަނުން ރަނަށް ވަޢުދު ފުއްދަންދީފަ ދެން ތިބި އެންމެން ކޮންމެސް ހަފުލާއެއްގަ ރިބަން ކަނޑަން ތިބެންވީއޭ.

މީގެ އިތުރުން އީވާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ އުންމީދީ ބަޖެޓެއްކަމަށް މެންބަރުން ވިދާޅުވާ ކަމަށާއި ނަމަވެސް އެމްއެމްއޭއިން ސަރުކާރުން ނަގާފައިވާ ފައިސާ ދައްކާފައެއް ނެތް ކަމަށާއި ދެއްކުމުގެ ޕްލޭނެއް ވެސް ބަޖެޓަކުން ނުފެންނަ ކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރަކު ޚަރަދު ބޮޑުވަމުންދާ ކަމަށާއި ޚަރަދު ކުރަނީ އިގުތިސާދު ޖެނެރޭޓް ކުރެވޭނެ ކަހަލަ ކަންކަމަކަށް ނޫން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

''ސަރުކާރުގެ ޚަރަދު ބޮޑުކޮށްފައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް މި ހަދަނީ ރަންބިސް އަޅާ ކުކުޅަށް. އަނެއްކާ ވެސް މި ފެންނަނީ އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތުތައް ހަނިވަމުންދާ ތަން.'' އީވާ  ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މި އަހަރު ވެސް ބޭރުގެ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރިވަރުގެ %10 ވެސް ނުލިބުމުން ސަރުކާރުގެ މަޝްރޫޢުތައް ހިންގަންޖެހުނީ ޑޮމެސްޓިކް ފައިނޭންސުން ކަމަށާއި އެތެރޭގެ ބޭންކުތަކުން ސަރުކާރު ހިންގަން ފައިސާ ނެގުމުގެ މާނައަކީ އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޭން ހުންނަ ލޯނާއި ފައިސާ ނެތުން ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާ ކުންފުނިތައް ބޮޑުވަމުން ބޮޑުވަމުން ގޮސް މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލަރ ހިންގުން ނޫން ހުރިހާ އަމިއްލަ ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރު ހިންގާ ކުންފުނިތައް ވަދެއްޖެ ކަމަށެވެ.

 

  1. ގޮޅީގައި ސޭލް ގޮނޑީގައި ސޭލް މާލިއްޔަތުން ލިބޭލެއް މަދުވެގެން ސިޔާސީ ވަފާތެރި ކެހިވެރިން އަބަދު ޝަކޮވާކުރަނީ !