ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ފިތުނަ އުފައްދަވަމުން ގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީވާ ދެއްކެވި ވާހަކައިގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް 4 އަހަރުވީއިރު މާލޭ ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތް ކަމަށެވެ. އެކަމުން ވެސް އެނގިގެންދަނީ މާލެ އިހުމާލުކޮށްލާފައިވާ މިންވަރު ކަމަށް އީވާ ވިދާޅުވިއެވެ.
ކުޑަރަށެއް ބޮޑުރަށެއް ތަފާތެއް ނުކޮށް ހަމަހަމަ ތަރައްޤީގެ ވާހަކަ ދައްކާއިރު މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އިސްކަންދޭންޖެހޭ ކަމަށާއި މިހާ ވަރަށް ސަރުކާރުން މާލެއަށް ނޯ ޖަހާފައި ދެން ނުކުމެވަޑައިގެން ތިމަންނާއަށް ދެވަނަ ދައުރެއް ދޭށޭ ވިދާޅުވީމާ އެއީ ޗޮއިސްއެއް ނޫން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީީވާގެ ވާހަކައާ ގުޅިގެން ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ މާލޭގައި އޮންނަ މާލެއާއި ރާއްޖެތެރެ ތަފާތު ކުރުމުގެ ސިޔާސަތު ރައީސް ޞާލިޙް ނުހިންގަވާތީ އީވާ ނުރުހުން ފާޅުކުރެއްވީ ކަމަށެވެ. އަދި ރާއްޖެތެރޭގެ ރަށްރަށުގެ ނަރުދަމާއާއި ބޯފެނުގެ ޚިދުމަތާއި ބަނދަރުގެ ޚިދުމަތްދެމުންދާތީ އެންމެ ބޮޑަށް އީވާ ހިތްޕުޅު ހަމަޖެހިވަޑައިނުގަތީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރޭގެ ވަގުތެެއްގައި އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަނދަރުވެސް މުހިންމު ކަމަށާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ވެސް މުހިންމު ކަމަށެވެ. އަދި ޝަރީފް ހައްދަވަނީ ބުހުތާނު ދޮގު ކަމަށާއ، އޭނާ އުފައްދަވަނީ ބިރުވެރި ފިތުނައެއް ކަމަށް ވެސް އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އީވާ ވަނީ އޭނާގެ މުޅި ސްޕީޗް އަޑުއެއްސެވުމުން ދެއްކެވި ވާހަކަ ސާފުވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.