ޚަބަރު

ފިރުޝާން ވިދާޅުވަނީ އަންނަ އަހަރުގެ ބަޖެޓުން ތާހިރު ދިރިއުޅުމެއް ނުފެންނަ ކަމަށް

އަޙްމަދު ޝިޔާރު
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ޙުސެއިން ފިރުޝާން--

އެމްޑީޕީގެ ތަރައްޤީގެ މުޅި މަންޒަރު ބަދަލުކޮށް މުޅިން އެހެން ގޮތަކަށް އޮޅުވާލައިފައިވާ ކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން ފިރުޝާން ވިދާޅުވީ އެމްޑީޕީން ވަޢުދުވީ ތާހިރު ދިރިއުޅުމެއްގައި އުޅޭ ފަޚުރުވެރި ޒުވާނެއް ބިނާ ކުރުމަށް ކަމަށާއި މި ބަޖެޓަކުން އެކަމެއް ނުފެންނަ ކަމަށެވެ. އަދި ފިރުޝާން ވިދާޅުވީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް ފުނޑާލައިފި ކަމަށާއި ސަރުކާރުގެ އެސްއޯއީތަކުން ދަރަންޏަށް މުދާ ނަގާފައި ބިލު ނުދައްކާ އެތައް ކުންފުންޏެއް ފުނޑިގެން ގޮސްފި ކަމަށެވެ.

ކުރެވުނު ކަމަކީ ރައްޔިތު މީހާގެ ޖީބަށް އަތް ބާނައިގެން އާމްދަނީ އިތުރުކުރުން ކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ ތަރައްޤީގެ މުޅި މަންޒަރ ބަދަލުކޮށްފި. މުޅިން އެހެން ގޮތަކަށް އޮޅުވާލައިފި. އޮޅުވައިލައިގެން މުޅިން އެހެން އެއްޗެއް ދައްކައިފި އިޢްޒަތްތެރި ރައީސް. މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން ދަނޑު ވެރިކަމުގެ ދާއިރާ ކުރިއަރުވަން ވަޒީފާ އުފައްދަން ކޮންކަމެއްތޯ ވީ އިޢްޒަތްތެރި ރައީސް؟ މަސްވެރިންނަށް ވީ އެންމެ ވަޢުދެއް ނުފުއްދޭ. އެގްރިދަނޑެއް ރާއްޖޭގެ އެއްވެސް ތާކުން ނުފެނޭ.

ފިރުޝާން ވިދާޅުވީ ބަޖެޓަކަށް ވެސް މިހާރު މި ހިނގަމުންދާ މަސައްކަތްތަކަށް ވެސް ދެވަނަ ދައުރެއް ދޭކަށް ވެސް އޭނާ ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

ދެވަނަ ދައުރެއް ދޭން ބުނީމާ އެކަމެއް ނުވާނެ އިޢްޒަތްތެރި ރައީސް. އަޅުގަނޑަކަށް ޗޮއިސްއެއް ނޫން. އަޅުގަނޑަކަށް ޗޮއިސްއެއް ނޫން.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 42 ބިލިއަން ރުފިޔާގެ ބަޖެޓާމެދު އެމްޑީޕީގެ ދެ ފެކްޝަނުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ވަނީ ކުރެވިފައެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!