ސިޔާމްގެ ވަޢުދު: ދަރިންނަށް ޚަރަދު ނުދޭ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުން

އަންހެނުންނަށް އަނިޔާއާ ދެކޮޅަށް ބޭނުން ކުރަނީ އެމްޑީއޭގެ ކުލަ ކަމަށާއި، އެކަނިވެރި މައިންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެންނަވާނެ ކަމަށް މޯލްޑިވްސް ޑިވެކޮޕްމަންޓް އެލަޔަންސް(އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސިޔާމް ވަނީ، އަންހެނުންނަށް އަނިޔާ ކުރުމާ ދެކޮޅަށް ލައި އުޅެނީ އެމްޑީއޭ ކުލައިގެ ޓީޝާޓު ކަމަށް ވިދާޅުވެފައެވެ. ކައިވެެނި ރޫޅުމުން، ދަރިން ބެލުމަށް، ބަފައިން މާލީ އެހީތެރިކަން ނުދޭ މައްސަލަވެސް ޙައްލުކޮށްދެއްވާނެ ކަމަށް އޭނާ ވަޢުދުވެވަޑައިގެންނެވިއެވެ.
"އެމްޑީއޭގެ ސަރުކާރުގައި ކައިވެނި ރޫޅި ދަރިންބިކަވާ އެކަނިވެރި މައިންނަށް، ކޯޓުގެ ތެރެއިން ދަރިންނަށް ހަރަދު ނުދޭ ކަންކަން ބަލާނަށް. ދެކޮޅުޖެހޭ ދާއިމީ ހައްލެއް ގެނެސްދޭނަން." ސިޔާމްގެ ޓްވީޓުގައިވެއެވެ.
ސިޔާމް ވަނީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ސިޔާމްގެ އެމްޑީއޭ ރަޖިސްޓްރީ ކުރީ 2012 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ ދަފްތަރުގައި ތިބީ 8،008 މެމްބަރުންނެވެ.