ޚަބަރު ޝަރުޢީ ދާއިރާ

ޒަޔާންގެ މަރު: ހަތް މީހެއްގެ މައްޗަށް ދަޢުވާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި މަރާލި ޒަޔާން، 21

މިދިޔަ ޖޫންމަހު އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އައްޑޫ ސިޓީ ސޮލިޑް, މުހައްމަދު ޒަޔާން (21އ) މަރައިލި މައްސަލައިގައި 7 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭގެތެރެއިން ދެ މީހެއްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. ފަސް މީހުންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާ އުފުލާފައިވާ މީހުން:

ޔައީސް އަންވަރު, ކަދުރުމާގެ/ސ.ހިތަދޫ
އައިލިޝް ޢަލީ, ފުފޫމާގެ/ސ.ފޭދޫ
އަޙްމަދު ޝުއާއު, ދިރިމާގެ/ސ.ފޭދޫ
އަޙްމަދު ނަބީލް, ސަންޝައިން/ސ.ފޭދޫ
އަޙްމަދު ޢަބްދުﷲ, ކަރަންފޫގެ/ސ.ފޭދޫ
ޢަބްދުﷲ ނިޒާރު, ކާމަރަނގަގެ/ސ.ފޭދޫ
ޢަބްދުﷲ ޝިޔާއު ރަޝީދު ދިރިމާގެ/ސ.ފޭދޫ

އޭގެތެރެއިން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވައި ކުށްކުރުވުމުގެ 8 ދައުވާޢެއް ވެސް ވަނީ ކޮށްފައެވެ. އަދި ބާކީ ހުރި މީހާގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދަޢުވާއެއް ވެސް ވަނީ ކޮށްފައެވެ.

މި މައްސަލައިގައި މީގެކުރިން ވަނީ 18 އަހަރުން ދަށުގެ ހަތަރު ކުއްޖެއްގެ މައްޗަށް ވެސް ދަޢުވާ އުފުލައިފައެވެ. އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު, ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!