ޚަބަރު ޝަރުޢީ ދާއިރާ

119 ކިލޯ ޑްރަގް މައްސަލަ: އަރުޝަދުގެ ބޭބެ ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ އަހަރު މާލެއާއި ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

އެ މައްސަލައިގައި ހައްޔަރުކުރީ ގދ.ހޯނޑެއްދޫ, އަލޯރާ އަރުޝަދު ޚާލިދުގެ ބޭބެ އަޙްމަދު މުޖާހިދާއި, ހޯނޑެއްދޫ އިރުމަތީގޭ އަހްމަދު ސުނައިނާއި, އެ ރަށު ގުލޭނޫރަންމާގޭ ޢަލީ ޒުބައިރެވެ.

މީގެއިތުރުން އަރުޝަދާއި އެ ރަށު މުޙައްމަދު އަކްރަމް ޢަބްދުލްހަންނާނަކީ ވެސް މި މައްސަލައިގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ދެ މީހުންނެވެ. އެ މީހުން ހައްޔަރުކުރެވޭ ގޮތް ނުވީ ޑްރަގް އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުންނެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލާފައިވާ މުޖާހިދާއި ސުނައިނާއި ޒުބައިރު ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރެއްވީ މި އަހަރުގެ މާޗުމަހުގެ ނުވަވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުޙައްމަދު ''ދެން'' އަށް ވިދާޅުވީ އަޙްމަދު މުޖާހިދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މުޖާހިދު ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުބެލެވޭތީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއަށް ރިޢާޔަތް ކުރާއިރު އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ޒަރޫރަތްތެރިކަމެއް ނެތުމުންނެވެ.

މުޖާހިދު ބަންދުން ދޫކޮށްލީ ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމަށާއި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދަން ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމަށާއި ދައުލަތުގެ ހެކިންނާ މުވާސަލާތު އަދި މުއާމަލާތު ނުކުރުމަށާއި ހެއްކަށް ނުފޫޒު ނުފޯރުވުމަށް ޝަރުތުކޮށްފައެވެ.

މުޖާހިދު ދޫކޮށްލި ނަމަވެސް ސުނައިނާއި ޒުބައިރުގެ ބަންދު ވަނީ ދަމަހައްޓައިފައެވެ.

މިދިޔަ ޑިސެމްބަރުމަހު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ''ބަންގާ'' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި އަތުލައިިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ތިން ތަނެއްގައި ހުރި މަސްތުވާތަކެތި އަތުލައިގަތެވެ. އެއީ ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ހޯދި މަސްތުވާތަކެއްޗާއި, ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރަކުން ހޯދި މަސްތުވާތަކެއްޗާއި ސައިކަލަކުން ހޯދި 91 ޕެކެޓުގެ މަސްތުވާތަކެއްޗެވެ.

މަސްތުވާތަކެތި އެޅުމަށް ދަބަހާއި ފޮށިގަނޑުތައް ގަންނަން ސުނައިނާއި ޒުބައިރު ހަރަކާތްތެެރިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އަދި މަސްތުވާތަކެތި ފެނުނު ކާރުން މުޖާހިދާ ގުޅުން ހުރި ލިޔުންތަކެއް ފެނިފައިވާ ކަމަށާއި, އެ ކާރުގައި މުޖާހިދު ޓްރީޓޮޕް ހޮސްޕިޓަލަށް ކުރިން ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ލިބިފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

މުޖާހިދު ބަންދުން ދޫކޮށްލާފައިވާއިރު ޕީޖީގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ބަލައިގަތްކަމެއް އަދި ސާފެއް ނުވެއެވެ.

Ads by Allied Insurance
  1. އަހުމަދު

    ޑުރަގް ވިއްކާ މީހުން ދޫވެފައި ތިބުމަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާ ކަމެއް. މީ ޑުރަގް ވިއްކާ މީހުންގެ މައްސަލަ ބެލުމަށް ނުކުޅެދޭ ސަރުކާރެއް. 2023 ގައި ޑުރަގު ވިއްކުމާއި މީހުން މެރުމުގެ މައްސަލަތަށް ބެލޭވަރުގެ ބަޔަކު ވެރިކަމަށް ހޮވާކަށް ނުޖެހޭބާ.