ދިވެއްސެއްގެ ޢުމުރުން 47 އަހަރުވީއިރު، 48 ފަހަރު ހައްޔަރަށް!

މާލޭ ފިހާރައަކަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ހައްޔަރުކޮށްފައިވަނީ ސ.ހުޅުދޫ/ސީސަންމާގޭ ޢުމުރުން 47 އަހަރުގެ މޫސާ މަހްޒޫނެވެ.
މަހްޒޫން ހައްޔަރުކުރީ އެމްއެޗްއޭ މާޓް ފިހާރައިން ނެސްކެފޭ ބްރޭންޑްގެ ބޮޑު ކޮފީ ޕެކެޓެއް ވަގަށް ނަގަން އުޅުމުގެ ތެރޭގައެވެ. އޭނާ ވައްކަން ކުރަން އުޅެނިކޮށް އެތަނުގެ މުވައްޒަފުންނަށް ފެނިގެން އަތުލައިގަތީއެވެ.
ވަކީލަކާ އެއްކޮށް ކުރިއަށްދާން ބޭނުންވާކަމަށް ބުނުމުން މަހްޒޫންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ދެއްވައިފައެވެ.
ކޯޓު ޢަމުރުގައިވާ ގޮތުން މަހްޒޫނަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ގިނަ ރެކޯޑް އޮތް މީހެކެވެ. އޭގެތެރޭގައި މި އަހަރު ފިހާރަތަކުން ވައްކަންކުރުމުގެ ފަސް ބަންދު ރެކޯޑު ހިމެނެއެވެ.
ޢަމުރުގައިވާ ގޮތުން މަހްޒޫނު ވަނީ މިހައިތަނަށް 48 ފަހަރު ހައްޔަރުކޮށް 31 ފަހަރު ބަންދުކޮށްފައެވެ.