ޑިސެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި އެޗްޑީސީގެ ދެ މުވައްޒަފެއް
 
                                                    ޑިސެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދެ މުވައްޒަފަކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ކަނޑައަޅައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން އެޗްޑީސީން ހުޅުމާލޭގެ ތަރައްގީ އަށް ކުރާ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޗްޑީސީގެ މުވައްޒަފުންގެ ތެރެއިން ދެ އެމްބެސެޑަރެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބް ވަނީ ޑިސޭބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ.
އެޗްޑީސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ޑިސޭބިލިޓީ އެމްބެސެޑަރުންގެ މަސްޢޫލިއަތްތަކުގެ ތެރޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެޗް.ޑީ.ސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުން ހިމެނެއެވެ.
 
  
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
