މީހެއްގެ ގައިގެ އެކި ތަންތަނަށް ވަޅިން ހަމަލާދިން މީހަކު 10 އަހަރަށް ޖަލަށް

ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ކްރިމިނަލް ކޯޓުން 10 އަހަރުގެ ޖަލު ޙުކުމެއް އިއްޔެ އިއްވަވައިފިއެވެ.
ކޯޓުން މިއަދު ޢާންމުކުރެއްވި މަޢުލޫމާތުތަކުގައިވާ ގޮތުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ އުފުލީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮޙައްމަދު ބޮކުލް ޙޮސެންގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި ދަޢުވާ އުފުލީ 2020 ވަނަ އަހަރު ޑިސެމްބަރުމަހު 16 ވަނަ ދުވަހުގެރޭ މާލޭ ކެނެރީގޯޅި-ހަވީރީ ހިނގުމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ބައްކު ޢަލީގެ ދަތްދޮޅިއާއި ބޮލާއި މޭމައްޗާއި ވާތް ފަރާތު ކިހިލިފަތް ދޮށުން ފެށިގެން ވާތް ފަރާތު ބޮނބިފަޅިއަށް ވަޅިން ހަމަލާދިން މައްސަލައިގައެވެ.
ހަމަލާ ދިނުމުން ބައްކުއަށް ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައިި ފަރުވާދީފައިވާއިރު ކަނދުރާ ދަށުން އާދަޔާ ޚިލާފަށް ބޮޑުކޮށް ޒަޚަމްވެފައިހުރި ކަމަށް ފުލުހަކު ކޯޓުގައިި ހެކި ބަސް ދެއްވާފައިވެއެވެ.
މި މައްސަލައިގައި ބޮކުލް ދަޢުވާއަށް އިންކާރުކުރިއެވެ. ނަމަވެސް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރައްވައި ގާޒީ ޙުސައިން ފާއިޒް ރަޝާދު ކަނޑައެޅުއްވީ ބޮކުލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެންވެ އިއްވެވީ 10 އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ބޮކުލް މިހާރު ތަންފީޒު ކުރަންޖެހޭނީ އަށް އަހަރާއި ތިން މަހާއި ފަސް ދުވަހުގެ ޖަލު ޙުކުމެކެވެ.