ފުލުހެއްގެ ގައިިގައިި ދަތްއެޅި މީހަކު ޖަލަށް

ފުލުހެއްގެ ގައިގައި ދަތްއެޅި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް އިއްވަވައިފިއެވެ.
މި މައްސަލައަކީ ކ.ތުލުސްދޫ ކަރަންކާގޭ އިބްރާހިމް ޝަރީފް މި އަހަރުގެ ޖެނުއަރީމަހުގެ ދެވަނަ ދުވަހު ވިލިމާލެއިން އޭނާ ހުއްޓުވައި އޭނާއަކީ ކާކުކަން އަންގައިދިނުމަށް ފުލުހުން އެދުމުން އެކަމަށް އިންކާރުކޮށް ނުކިޔަމަންތެރިކަން ދެއްްކުމުން ފުލުހަށް ގެންގޮސް އޭނާ ބަލައި ފާސްކުރަނިކޮށް ފުލުހެއްގެ ކިހިލިފަތް ކައިރީގައި ދަތްއެޅި މައްސަލައެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އުުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުވާއަށް ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ މަގުމަތިން އޭނާ ހުއްޓުވައި ފުލުހުން އޭނާގެ ކަރުގައި ހިފައި އަނިޔާ ކުރީ ކަމަށާއި ދަޢުވާއަށް އިންކާރު ކުރާ ކަމަށެވެ.
ނަމަވެސް މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅުއްވި ހެކިތަކަށް ރިޢާޔަތްކޮށް ކޯޓުން ކަނޑައެޅުއްވީ ޝަރީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެންވެ އިއްވެވީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމެކެވެ. އަދަބު ލުއިކޮށް އެއް އަހަރާއި ފަސް މަސް ދުވަހުގެ ޖަލު އަދަބު ދެ އަހަރާއި 10 މަސް ދުވަހަށް ބަދަލުކުރެއްވުމުން އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ ދެ މަހާއި ހަތަރުު ދުވަސްކަމަށް ކަނޑައަޅުއްވައި ވަނީ ޙުކުމް ކުރައްވައިިފައެވެ.