ޚަބަރު

ސްމާޓް ސިޓީގެ މަޝްރޫއު އަށް ފަންނީ އެހީ ހޯދަން ވާވޭއާއެކު އެޗްޑީސީން ސޮއިކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ މަޝްރޫއު އަށް ޗައިނާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

އެޗްޑީސީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޗްޑީސީގެ އެމްޑީ އަހްމަދު އާތިފެވެ. ވާވޭގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޓާއޯ ގުއާންޖޭއޯއެވެ.

މި އެމްއޯޔޫގެ ދަށުން ސްމާޓް ސިޓީ ސޮލިއުޝަންތައް ޑިޒައިންކޮށް ތަންފީޒު ކުރުމަށް ވާވޭގެ ފަންނީ ތަޖުރިބާއާ އެކު އެހީތެރިކަން ލިބިގެންދާނެއެވެ.

ވާވޭއަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާ އާއި ސްމާޓް ޑިވައިސްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

އެޗްޑީސީ އާއި ވާވޭ އިން ގަބޫލުކުރާ ގޮތުގައި މި ކޯލަބްރޭޓިވް ޕާޓްނާޝިޕްގެ ސަބަބުން އެޗްޑީސީގެ ސްމާޓް ސިޓީ އިނީޝިއޭޓިވްއަށް ތަފާތު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުމާލެ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ސްމާޓް ސިޓީއެއް ބިނާކުރުމުގެ އުއްމީދީ ވިސްނުމަކާއެކު އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފައެވެ. މި ބްރޭންޑްގެ ދަށުން ހުޅުމާލެ އަކީ ޑިޖިޓަލްކޮށް ކުރިއަރަމުން އަންނަ ސްމާޓް ސިޓީއަކަށް ހެދުމަށް މަގު ފަހިކޮށްދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!