ދިވެހިރާއްޖޭގެ ވަޤްފާ ބެހޭ ޤާނޫނުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މި ބީލަން ހުޅުވާލައްވާފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ނުޖެހޭ އަމިއްލަ ފަރުދުންނަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވަޤްފާބެހޭ ޤާނޫނުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތަށް ދީނީ ދާއިރާއިން އަދި އިސްލާމިކް ފައިނޭންސް ދާއިރާއިން ކޮންސަލްޓެންސީ ބޭނުންވާތީ އެ ފަރާތަކީ މި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއް ކަމުގައި ވާންވާނެ ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރެއްވުމަށް ވެސް ވަނީ އެދިލައްވައިފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުގެ 11:00 ގައިކަމަށް އިއުލާނުގައިވެއެވެ.