ފުޓްބޯޅަ

އަންނަ އަހަރު ކްލަބް ވޯލްޑްކަޕް މޮރޮކޯގައި، 2025 ވަނަ އަހަރު ބޮޑު ބަދަލެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ކްލަބްތަކަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ކްލަބް ވޯލްޑް ކަޕް 2025 ވަނަ އަހަރު ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ.

Ads by STELCO

އާ ފޯމެޓަކާ އެކު 32 ޓީމަށް ކުޅެވޭ ގޮތަށް މި ޓޯނަމެންޓް ބާއްވަން ނިންމާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އިއްޔެ އިއުލާން ކުރައްވާފައެވެ. 2025 ވަނަ އަހަރު މޮރޮކޯގައި މި މުބާރާތް ބާއްވަން ނިންމާފައިވަނީ އާ ފޯމެޓަކާ އެކު 32 ޓީމަށް ކުޅެވޭ ގޮތަށެވެ.

ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ބާއްވަން ފުރަތަމަ ނިންމީ 2021 ވަނަ އަހަރުއެވެ. އޭރު ނިންމީ 24 ކުޅެވޭ ގޮތަށް، ޗައިނާގައި މުބާރާތް ބާއްވާށެވެ. ނަމަވެސް ކޮވިޑް-19 ސަބަބުން އޭރު މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.

ފީފާ އިން މިހާރު ކްލަބް ވޯލްޑް ކަޕް ބާއްވަނީ ކޮންމެ ބައްރަކުން އެންމެ މޮޅު ޓީމެއް ހިމަނައިގެން 7 ޓީމު ވާދަކޮށްގެނެވެ. އަންނަ އަހަރު މި ފޯމެޓަށް ވޯލްޑްކަޕް ބޭއްވުމަށް ނިންމާފައިވަނީ މޮރޮކޯގައެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ ޔޫއޭއީގައެވެ. މުބާރާތް ކާމިޔާބު ކުރީ ޗެލްސީންނެވެ.

އިންފަންޓީނޯ ވިދާޅުވީ، މުބާރާތަށް ގެންނަން ނިންމާފައިވާ ބޮޑު ބަދަލާއެކު، ކްލަބް ވޯލްޑްކަޕަށް ލިބޭނެ ތަރުހީބު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!