ޚަބަރު ސިޔާސީ

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ޖަލްސާއަށް ދަޢުވަތު އަރުވަން: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހާރު ހިނގަމުން މި އަންނަނީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށާއި، މި ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅު ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާއަށް ދަޢުވަތު އަރުވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕިއެމް)ގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަންނަ ހުކުރު ދުވަހުގެ ރޭ، "ފެލާލައިފި" މިނަމުގައި، މާލޭގެ ކާނިވާ ސަރަޙައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވީ މި ޖަލްސާގައި ބައިވެރިވާންވީ ދިވެހި ޤައުމާ ރައްޔިތުން ދަރަނިވެރިކޮށް، ޤައުމުގެ ސިޔާދަތާ މިނިވަންކަން "ކޮންޕްރޮމައިޒް"ކޮށް ހިންގާ ޣައިރު ޤާނޫނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ.

މި ޖަލްސާ އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30ގައެވެ.

"ފެލާލައިފި" މި ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލާ، ޚިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، އިދިކޮޅު ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު، ރައީސް ޔާމީނަށް ދެއްވައިފައެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓު، ރަސްމީކޮށް އަރުވައިފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އެކަމަށްޓަކައި ބޭއްވެވި "ހަވާލޭ ވަޠަން" ޖަލްސާގައެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދެއްވުމަށް ނިންމެވީ ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!