ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ ދަފްތަރު ގަޑުބަޑުވެފައިވާކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އެ ޕާޓީން ރައްދުދީފިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ނަޝީދު އިއްޔެ ޢާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ އެމްޑީޕީގެ ވޯޓުލައި ދަފްތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން, އެ މެންބަރުންނަށް އެނގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ދަފްތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.
އަދި އެކަން އެހެން އޮއްވައި ރިޔާސީ ޕްރައިމަރީ ކުރިޔަށް ގެންދިއުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ޤަބޫލެއް ނުކުރައްވާ ކަމަށެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެެވެ.
މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި ޤައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްޙަ ކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހަށް 29 މެއި 2022 ގައި ހުށަހެޅި ފާސްކުރެވުނު ޤަރާރުގައި އޮތީ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބެލުމަށެވެ. އަދި ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްޙަކުރުމަށް ތިން މަސް ދިނުމަށާއި, އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަށާއި، އެ ޕާޓީގެ އެއްވެސް މަޤާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސް ތެރޭގައި މެމްބަރޝިޕް ސައްޙަ ކުރުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ ޕާޓީގެ ސައްޙަ މެމްބަރުންނަށް ކަމަށްވާއިރު, ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްޙަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމްޑީޕީގެ އަސާސީ ޤަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްޙަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީ ގެ ދަފްތަރުގަ އިލެކްސަނުގެ ދަފްތަރުގަ ނެތް އެތައްބަޔަކު ހިމެނޭ މިމީހުންގެ ނަމުގަ ވޯޓްލައިގެން ނަސީދު އެމްޑީޕީ ގެ ރައީސް ކަމަށް ހޮވިގެނ އުލެނީވެސް،މަށަކީ އެމްޑިޕީ މިހެއްނޫން އެކަމަކު އެމްޑީޕީ ގެދަފްތަރުގަ ނަން އޮވޭ.ނަސިދު ވޯޓް ހޯދަނީ ހުރިހާކަމެއް އޮޅުވާލައިގެން މިހާރު ފަޔޔަަޒ ވަނީ އިލެކްސަންގެ ދަފްތަރާއި އެމްޑީޕީގެ ދަފްތަރު ދިމާކޮށް ސާފު ކޮށްފަ. ނަސީދަކީ މުޅިން ކަންކަން އޮޅުވާލައިގެން އުޅޭ ވަގެއް