ދުނިޔެ

ހުޅަނގުގެ މީޑިއާތަކަށް، މި މަންޒަރުވެސް ހަޖަމު ނުވި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިދިޔަ އާދިއްތަ ދުވަހު، އެތައް ބިލިއަން މީހުންގެ ލޯތައް އަމާޒުވެގެން ދިޔައީ، ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި މިއަހަރުގެ ވޯލްޑްކަޕްގެ ތަށި، ލުސައިލް ސްޓޭޑިއަމްގައި، އާޖެންޓީނާއިން އުފުލައިލި މަންޒަރަށެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ގިނަ ބަޔަކު ބަލާ މި ކުޅިވަރު މުބާރާތުގެ އެންމެ ފަހު ރެއަށް މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނުއިރު، ހުޅަނގުގެ މީޑިއާއަށް މައްސަލައަކަށް ވެގެން ދިޔައީ، ޤަތަރުގެ އަމީރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކޮނޑުގައި "ބިޝްތު" ކިޔާ ކަޅު ފޮތިގަނޑެއް އެޅުއްވި އެޅުއްވުމަށެވެ.

އަމީރުގެ މި ޢަމަލާއެކު، ހުޅަނގުގެ މީޑިއާތަކުން، އިސްލާމްދީނާމެދުގައި، ނަފްރަތު އުފެއްދުމަށް ވޯލްޑްކަޕް ފެށުނީއްސުރެ، އަންދަމުން އައި އަލިފާންގަނޑަށް ތެޔޮ އެޅިއެވެ.

"ޤަތަރު އަމީރު އެ ކުރެއްވި އާދަޔާ ޚިލާފު ކަންތަކުގެ ސަބަބުން، ވޯލްޑް ކަޕްގެ އެންމެ ސަޅި ވަގުތުކޮޅުވެސް ހަރާބުވެއްޖެ." ބްރިޓިޝްގެ "ޓެލެގްރާފް" ނޫހުން އެޅި ސުރުހީއެއްގައިވެއެވެ.

އީއެސްޕީއެންގެ ނޫސްވެރިއަކު ލިޔުނު ގޮތުގައި "ޓީމަށް ތަށި ދިން ވަގުތުގެ ސަޅި ފޮޓޯތައް ހަލާކު ކުރީ، މެސީގެ ބޯކޮށަން އުޅޭހެން، އޭނާގެ ގައިގައި މީހަކު ކަޅު ފޮތިގަނޑެއް އޮޅައިލުމުން" ކަމަށެވެ.

އަދި ފުޓްބޯޅަ ޓީވީ ޕްރެޒެންޓަރު، ޑެން ވޯކަރ ވަނީ، "މެސީގެ ކޮނޑުގައި އެޅުވި ކަޅު ފޮތިގަނޑު އަޅަން ނުޖެހި ސަލާމަތްވީތީ އެމްބާޕޭ އެކަމާ އުފާ ކުރާނެކަން ޔަގީން " ކަމަށްވެސް ބުނެފައެވެ. މިހެން ބުނެ ކުރި ޓްވީޓު، އޭނާ ފަހުން ޑިލީޓުވެސް ކުރިއެވެ.

ހުޅަނގުގެ މީޑިއާތަކުން މިފަދަ ފާޑު ކިޔުންތަކެއް އަމާޒު ކުރިނަމަވެސް، ބިޝްތަކީ ޝަރަފުވެރިކަމުގެ ފޭރާމެކެވެ. އަދި މި ފޮތިގަނޑު އަޅުވަނީ މީހަކަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރާކަން ހާމަ ކުރުމުގެ ގޮތުންވެސްމެެއެވެ. މިއީ ވަަރަށް މަދުން ނޫނީ، މީހަކަށް ނުދޭނެ ޝަރަފެކެެވެ.

މެސީގެ ކޮނޑުގައި ބިޝްތު އެޅުވީ އޭނާ ހާސިލު ކުރި ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މިއީ ހަމައެކަނި އާޖެންޓީނާއިން ތިން ވަަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލައިލި މުބާރާތެއް ނޫނެެވެ. މިއީ ފުޓްބޯޅައިގެ ރަސްގެފާނަކީ މެސީ ކަމުގައި ކަނޑައަޅައި، ނިންމި މުބާރާތްވެސް މެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!