ޚަބަރު ސިޔާސީ

ރާއްޖެއަށް ދެންވެސް ހެޔޮގޮތް ގެނެސްދޭނީ ރީނދޫ ކުލަ: ޝާހިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މިރޭގެ ހަރުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ރާއްޖެއަށް ދެންވެސް ހެޔޮ ގޮތް ގެނެސްދޭނީ އެމްޑީޕީގެ ރީނދޫ ކުލަ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަރުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ ރާއްޖޭގައި، މިހައިތަނަށް އެންމެ ބޮޑަށް ވިދައިލި ކުލަ އަކީ، އެމްޑީޕީގެ ކުލަ ކަމުގައިވާ ރީނދޫ ކުލަ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅެ، އެކަންކަމަށް އެންމެ ފުރަތަމަ ވަޢުދުވީވެސް އެ ޕާޓީންނެވެ.

"މި ފަސް އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ރަށެއް، ސާފު ބޯފެން ނުލިބި ނޯންނާނެ. އެންމެ ރަށެއްވެސް ނޯންނާނެ." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި، ރައްޔިތުން ރަށު ބަންދުން ފިލުވާނެ ވާހަކަ ދެއްކީ އެމްޑީޕީންކަން ފާހަގަކުރައްވައި، މި ސަރުކާރުން ފެއްޓެވި އާރްޓީއެލްގެ ޚިދުމަތަށް އަލިއަޅުވައިލެއްވިއެވެ. މި ޚިދުމަތުގެ ސަބަބުން، ކުރިން 1000 ރުފިޔާއަށް ކުރަން ޖެހުނު ދަތުރު ބޮޑުތަނުން ކުޑަ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

" މުޅި ރާއްޖެ، އެކުއެކުގައި ގަތާލެވިގެން އެ ދަނީ، އާރްޓީއެލުން. ރަށު ބަންދުން ދިވެހިރާއްޖޭގެ ރައްޔިތުން މި ފިއްލަވަނީ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޖީލެއް ސަލާމަތް ކުރުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ ގޮތުން، 15000 ދަރިވަރުންނަށް ހިލޭ ޑިގްރީ ހެދުމުގެ ފުރުސަތު ދިންއިރު، ކުރީ ސަރުކާރުން މިފަދަ ކަމަކަށް ފައިސާ ޚަރަދު ނުކުރައްވާ ކަމަށެވެ.

"ފެލާލައިފިޔޭ، ނޮޅާލައިފިޔޭ ކިޔާފަ ޖަލްސާ ބާއްވާނެ ކަމެއް ނެތް، ދިވެހި ރައްޔިތުންނަށް އެނގޭ ފެލާލީ ކޮން ބައެއްކަން." އިދިކޮޅުން ބޭއްވުމަށް ނިންމައިފައިވާ ޖަލްސާގެ ނަމާ ގުޅުއްވައި، ޝާހިދު ފާޑު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ވާދަވެރިން  ފައިސާއަށް ވީގޮތް ބަލަން ބީއެމްއެލްއަށް ދާއިރު، ފައިސާއަށް ވީގޮތް އެނގިލައްވާނީވެސް އެބޭފުޅުންނަށް ކަމަށެވެ.

Ads by Ooredoo
  1. އައި

    ކޮންމެ ކަމެއް ވަނީﷲ ގެ ރަހުމަތުން ހާމުދުރު ކުލައަކުން ނޫން