ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ ފުލުހަކު މަރާލައިފި
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ފުލުހަކު މަރައިލައިފިއެވެ.
މިއީ، އަހަރުތަކަކަށް ފަހު ވެރިރަށް އިސްލާމްއާބާދުގައި ދީފައިވާ މި ފަދަ ފުރަތަމަ ހަމަލާއެވެ. އެ ޤައުމުގެ ބޮޑެތި އެހެން ރަށްތައް ކަމުގައިވާ ލާހޯރް އަދި ކަރާޗީގައި ހަނގުރާމަވެރިން ދޭ ހަމަލާތަކުގެ އަދަދު އިތުރު ނަމަވެސް، ވެރިރަށް އިސްލާމްއާބާދުގައި ދޭ މި ފަދަ ހަމަލާތަކުގެ އަދަދު މަދު ކަން ފާހަގަކުރެވެއެވެ.
މި ހާދިސާގައި ބޮން ގޮއްވައިލާފައި ވަނީ ޝައްކު ކުރެވޭ ކާރެއް ބަލައިފާސްކުރުމަށް ފުލުހުން އެ އުޅަނދު ހުއްޓުވި ވަގުތުގައެވެ. އެ ވަގުތު އުޅަނދުގެ ތެރޭގައި ދެ މީހުން ތިބި ކަމުގައި އިސްލާމްއާބާދުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ސުޙައިލް ޒަފަރު ޗައްތާ ވިދާޅުވިއެވެ. މި ހާދިސާގައި އެ ދެ މީހުން މަރުވި ކަން ފުލުހުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި ހަމަލާގައި ފުލުހުންގެ އެކަކު މަރުވެފައިވާއިރު، އިތުރު ހަ މީހަކު ވަނީ ޒަޚަމުވެފައެވެ. ޒަޚަމުވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އުޅަނދު ބަލައިފާސްކުރުމަށް އުޅުނު ފުލުހުންނެވެ. ޕާކިސްތާނުގެ ސަރުކާރާ ދެކޮޅު ހަތިޔާރުއެޅި ޖަމާޢަތްތަކުން މީގެ އަހަރުތަކެއް ކުރިން ދިޔައީ ކޮންމެ ދުވަހަކުހެން މި ފަދަ ބޮމުގެ ހަމަލާތައް ދެމުންނެވެ. 2016 ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި، އެއަށްފަހު މި ފަދަ ހަމަލާތަކުގެ އަދަދުތައް މަދުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް، ފަހަކަށް އައިސް އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ހަރަކާތްތައް ވަނީ އިތުރު ކޮށްފައެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ ތަހްރީކުއްތާއިބާން ޖަމާޢަތް ކަމުގައި ބެލެވެއެވެ. އެއީ، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާ ގުޅުން އޮންނަ ޖަމާޢަތެކެވެ.
އެ ޖަމާޢަތުން ހިންގާ އަމަލުތަކާއި ހަމަލާތައް ހުއްޓައިލުމަށް ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުން އެ ޖަމާޢަތުން ހުސްވި ނޮވެންބަރު މަހު ވަނީ އުވައިލާފައެވެ. އަދި، އެއަށްފަހު ހަމަލާތައް ވަނީ އިތުރު ކޮށްފައެވެ. ހަމަލާތައް އެންމެ ގިނައިން އަމާޒު ކުރަމުން ދަނީ އެ ޤައުމާއި އަފްޣާނިސްތާނު ގުޅޭ ސަރަޙައްދުގައި އޮންނަ ރަށްތަކުގައެވެ.