ޚަބަރު އިޖުތިމާޢީ

އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްއެންޑީއެފުން "އޮޕްސް ހަޅަ" ގެ ނަމުގައި ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

Ads by MWSC

ސްކޫލު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ސްކޫލު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ އަދި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

އެ ގޮތުން މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބައްލަވާނެއެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށާއި މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!